ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލާއި ބެހޭ ފޮތެއް ކަމުގައިވާ ‘ އިކޯސިސްޓަމްސް އޮފް ދަ މޯލްޑިވްސް ވާކްބުކް ‘ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބަހާނެ ކަމަށް އެންވިރަމެންޓް މިނިސްޓްރީ އިން ބުނެފިއެވެ.
މިފޮތް ތައްޔާރުކޮށްފައިވަނީ ޔޫއެސްއެއިޑް ގެ ހިލޭއެހީގެ ދަށުން އައިޔޫސީއެން އިން ހިންގަމުންއައި ރީޖެނެރޭޓް ޕްރޮޖެކްޓުގެ ދަށުން، އެވްޔަރަންމަންޓް މިނިސްޓްރީ،އީޕީ.އޭ، އެމް.އެމް.އާރ.އައި، ޓޫރިޒަމް މިނިސްޓްރީ އަދި އައިޔޫސީއެން ގެ ފަންނީ ބޭފުޅުން ކަމަށް އެންވިރަމެންޓް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އެންވިރަމެންޓް މިނިސްޓްރީ އިން ބުނާގޮތިގައި މި ފޮތް ސުކޫލު ދަރިވަރުންނަށް އަމާޒުކުރެވިފައި ވާއިރު، މި ފޮތުގައި ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލުތަކުގެމައުލޫމާތުތަކުގެ އިތުރުން، އެމާހައުލުން ފެންނަ ދިރުންތަކުގެ މައުލޫމާތުވެސް ހިމަނާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، މިދިރުންތަކާއި އަޅުގަނޑުމެންގެ މާހައުލުތައް ރާއްޖޭގެ ދިރިއުޅުމާއި ގުޅިފައިވާ މިންވަރުވެސް މިފޮތުން ދަރިވަރުންނަށް ދަސްކޮށްދީ،މާހައުލުތަކަށް ދިމާވާ ނުރައްކާތަކާއި، އެނުރައްކާތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައްވެސް މިފޮތުގައި ހިމަނާފައިވާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މި ފޮތުގެ ކޮންމެ ޗެޕްޓަރ އެއް ނިމުމަށްފަހު ޕޮޕް އަޕް ކުއިޒްއަކާއި ފީލްޑް އެކްޓިވިޓީއެއް ހިމެނިފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ފޮތް އިތްތިހާހު ކުރުމަށްޓަކައި އިއްޔެ ބޭއްވި ހަފްލާގައި ފަސްޓް ލޭޑީ ފަޒުނާ އަހްމަދު، އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު ފޮތުގައިވާ ފިލާވަޅަކާއި ތަމްރީން ތަކެއް ކުރިއަށްގެންދިޔަކަމަށް އެންވިރަމެންޓް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
އަދި ދަރިވަރުންގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަދީޖާނަސީމް، ސްޕެޝިއަލް އެންވޯއީ ޓު ކްލައިމެޓް، ސަބްރާ އިބްރާހިމް ނޫރައްދީންގެ އިތުރުން، މިނިސްޓްރީ އޮފް ޓޫރިޒަމް، އައި.ޔޫ.ސީ.އެން، ޔޫ.އެސް.އެއީޑް،އެމް.އެމް.އާރު.އައި އަދި ތިމާވެށީގެ ޖަމިއްޔާތަކުން މި ހަފްލާގައި ބައިވެރިވިއެވެ.
އޮންލައިންކޮށް މިފޮތް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށް އެންވިރަމެންޓް މިނިސްޓްރީ އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް