މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތަކެއް އެމްޕީއެލް އިން ދިނުމަށް ނިންމައިފި

މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދިނުމަށް ނިންމައިފިއެވެ. އެކުންފުނިން ޚަރަދުކޮށްގެން މަތީ ތައުލީމުގެ ހަތް ސްކޮލަޝިޕެއް ދިނުމަށް ނިންމާފައިވާއި...

09 Aug 2022 | 09:54

މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދިނުމަށް ނިންމައިފިއެވެ.

އެކުންފުނިން ޚަރަދުކޮށްގެން މަތީ ތައުލީމުގެ ހަތް ސްކޮލަޝިޕެއް ދިނުމަށް ނިންމާފައިވާއިރު، އެކަން އިޢުލާން ކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއީ އެމްޕީއެލްއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ދޭ ސްކޮލަޝިޕްތަކެވެ.

އެގޮތުން އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "ކޯޕަރޭޓް ސްކޮލަރޝިޕް"ގެ އެއްބަސްވުމެއްގައި އެމްޕީއެލްގެ ފަރާތުން އެ ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަލީ ޝާހިދުއެވެ. ހަޔަރ އެޑިއުކޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރެއްގެ މަތީ ސާނަވީ އިމްތިހާނުތަކުގެ ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ކޮންމެވެސް އެއް ދަރިވަރަކަށް އެމްޕީއެލްއާ ގުޅޭ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ކޯޕަރޭޓް ސްކޮލަރޝިޕް މީގެ ފަހުން ކޮންމެ އަހަރަކު ވެސް ދިނުމަށް ނިންމާފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެ ސްކޮލަރޝިޕަށް ފަންޑު ކުރާނީ އެމްޕީއެލް އިންނެވެ. އަދި ސްކޮލަރޝިޕް އިއުލާނުކުރުމާއި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ހޮވުމާއި ސްކޮލަރޝިޕް އެވޯޑު ކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

"ކޯޕަރޭޓް ސްކޮލަރޝިޕް"ގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ ޒުވާނުންނަށް ތައުލީމާއި ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެކުންފުނިން އަބަދުވެސް އިސްކަންދޭ ކަމަށެވެ. އަދި އެފަދަ ފުރުސަތުތައް ޒުވާނުންނަށް ތަނަވަސްކޮށްދިނުމަކީ މީހުން ބިނާ ކުރުމަށް އެމްޕީއެލްއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި އަހަރުގެ ތެރޭގައި އިތުރު ހަ ސްކޮލަރޝިޕްގެ ފުރުސަތު އެމްޕީއެލްއިން ހުޅުވާލުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ޕޯޓް އޮޕަރޭޝަންސް ދާއިރާ އާއި ސޭފްޓީގެ ދާއިރާ އާއި ފައިނޭންސްގެ ދާއިރާ އަދި އިންޖިނިއަރިންގ ގެ އެކި ދާއިރާތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް