ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
ސޯލް އަށް އިއްޔެއިން ފެށިގެން މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހެމުންދާކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.
ބައެެއް ރިޕޯޓުތައް ބުނާގޮތުން މި ހާދިސާގައި މިހާތަނަށް ހަތް މީހަކު މަރުވެ ހަ މީހަކު ވަނީ ގެއްލިފައެވެ. އަދި 800 އަށްވުރެ ގިނަ ގެތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވެހިކަލްތައް އިޔާ ދަމާ ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ. އަދި ފެންބޮޑުވި ބައެއް ސަރަހައްދު ތަކުގައި 17 އިންޗިއަށް ހުރީ ފެންބޮޑުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެގައުމުގެ މީޓިއޮރޮލިޖިކަލް ސެންޓަރާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ކުރިއަށް އޮތް ދެދުވަހު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެއަށްފަހު އެ ހާލަތު އިތުރަށް ގޯސްވުން އެކަށީގެންވާ ކަމަށެވެ.
އެހެންވެ، އެ ހާލަތަށް ރައްޔިތުން ތައްޔާރުވެ ތިބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީތެރިވުމަށް އެގައުމުގެ ރައީސް ޔޫން ސްކް ޔިއޯލް ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް