ހަ ދާއިރާއަކަށް އަމާޒުކޮށްގެން އެލައިޑް އިންޝުއަރެންސްގެ ހިލޭ އެހީ ދޭން ދެ ފަންޑު ތަޢާރަފްކޮށްފި

ހަ ދާއިރާއަކަށް އަމާޒުކޮށްގެން އެލައިޑް އިންޝުއަރެންސްގެ ހިލޭ އެހީ ދޭން ދެ ފަންޑު ތަޢާރަފްކޮށްފިއެވެ. އެ ކުންފުނިން ބުނީ ސީއެސްއާރުގެ ދަށުން ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ "އެލައިޑް...

09 Aug 2022 | 04:46

ހަ ދާއިރާއަކަށް އަމާޒުކޮށްގެން އެލައިޑް އިންޝުއަރެންސްގެ ހިލޭ އެހީ ދޭން ދެ ފަންޑު ތަޢާރަފްކޮށްފިއެވެ.

އެ ކުންފުނިން ބުނީ ސީއެސްއާރުގެ ދަށުން ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ "އެލައިޑް ކޮމިއުނިޓީ ފަންޑް" އާއި "އެލައިޑް އެޑިއުކޭޝަން ފަންޑް" ކަމަށެވެ.

މި ދެ ފަންޑާއި ގުޅޭގޮތުން އެލައިޑް އިންޝުއަރެންސުން ބުނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ދޫކުރާ އެހީ ހަ ދާއިރާއަކުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮމިއުނިޓީ ފަންޑުގެ ދަށުން، ހޮވާލެވޭ ހަތަރު ޕްރޮޖެކްޓަކަށް 50،000 ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ބޮޑެތި ޕްރޮޖެކްޓްތަކުގެ ވަކި މަރުހަލާތައް ވެސް މި ފަންޑަށް އެދި ހުށަހެޅޭނެ ކަމަށާއި ވަކި ހިސާބަކަށް ކުރިއަށް ގެންދިޔުމަށް ފަހު، ފަންޑު ނެތިގެން ހުއްޓާލާފައިވާ ޕްރޮޖެކްޓުތައް ވެސް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ ޕްރޮޖެކްޓް ބަލައިގަތުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ޚިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމު އަދި ތާރީޚާއި އާސާރުތައް ކަމަށެވެ.

އިޖުތިމާޢީ ދާއިރާގެ ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ [email protected] އީމެއިލް މެދުވެރިކޮށް މިމަހުގެ ނިޔަލަށެވެ.

އެލައިޑް އެޑިއުކޭޝަން ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ސަރުކާރުގެ ހުރިހާ ސްކޫލަކަށް ހުޅުވާލާފައިވާއިރު، އެ ފަންޑުގެ ދަށުން ސްކޫލުތަކުގެ ލައިބްރަރީ، ލެބޯޓަރީ އަދި މުދައްރިސުންނާއި ދަރިވަރުންގެ ތަމްރީނުތައް ފަދަ ކަންކަމަށް ކުރިމަތިލެވޭނެއެވެ.

އެ ފަންޑަށް ކުރިމަތިލާ ސްކޫލުތަކުގެ ތެރެއިން ހޮވާލެވޭ އަށް ސްކޫލަކަށް 25،000 ރުފިޔާގެ ހިލޭ އެހީ ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު [email protected] އީމެއިލް މެދުވެރިކޮށް މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މީގެ ކުރިން ވެސް މުޖުތަމައަށް ފައިދާހުރި ގިނަ މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައިވީނަމަވެސް، އާންމުކޮށް ހުޅުވާލައިގެން މިފަދަ ޕްރޮޖެކްޓަކަށް ކުރިމަތިލުމަށް ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް