ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ހަކަތައަށް ޚާއްސަ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމަށް ބީލަމަށް އަނެއްކާ ވެސް ހުޅުވާލައިފިއެވެ.
މިއީ ވަރލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 11 އަތޮޅެއްގެ ކަނޑައެޅިފައިވާ ރަށްތަކެއްގައި ޤާއިމުކުރުމުގެ މަސައްކަތަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމަށް ބީލަން މަރުހަލާއެއް މިއަހަރުގެ ޖުލައި މަސްތެރޭގައި ވެސް ކުރިއަށް ގެންގޮސްފައެވެ.
އެހެންނަމަވެސް، އެދެވޭ ނަތީޖާއެއް ލިބިފައިނުވާތީވެ، މިއީ އެ ޕްރީކޮލިފިކޭޝަން ކެންސަލްކޮށް އަލުން ހުޅުވާލެވޭ ބީލަމެއް ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 27 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރީންނެވެ. ބީލަން ހުށަހަޅަންޖެހޭ ގޮތުގެ ތަފްސީލާއި އެކު މަޝްރޫޢުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީންވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
އެރައިސް މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެއެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެއެވެ.
2021 އިން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢިން 40 މެގޮވޮޓް އަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ވެސް ވަނީ ރާވާފައެވެ. އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.
ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުމެވެ. ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި 2018 ގެ ނިސްބަތާއި އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު %20 އިތުރު ކުރުން ހިމެނެއެވެ.
އޭގެއިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުމެވެ.
ރާއްޖޭގައި ބެޓަރި އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 10 އަތޮޅެއްގެ 19 ރަށް/ސަރަހައްދުގައެވެ.
އެސަރަހައްދުތަކަކީ: އައްޑޫ ސިޓީ (ސިޓީގެ ގުޅިގައިވާ ރަށްތަކާއި ހުޅުދޫ/މީދޫ ހިމެނޭ ގޮތަށް)، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ އަދި ގއ. ވިލިނގިލި އެވެ.
މީގެ އިތުރުން ބ. އޭދަފުށި، ޅ. ހިންނަވަރު، ނައިފަރު، ށ. ފުނަދޫ، ލ. ފޮނަދޫ، ލ. ގަން ލ. ހިތަދޫ، ލ. މާމެންދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. ދަބިދޫ، ލ. މާވަށް، ލ. އިސްދޫ އަދި ލ. ކަލައިދޫ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް