ފެން އުފައްދާ އެހެން ކުންފުނިތަކާ ވާދަކުރުމުގެ ގާބިލްކަން މިހާރު ސްޓެލްކޯގަވެސް އެބަހުރިކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ސްޓެލްކޯއިން އުފައްދާ ފެން ރާއްޖޭގެ މާކެޓަށް ނެރެވޭނެ ކަމަށެވެ.
އެ ކުންފުނިން އުފައްދާ ފެން ބިއްލޫރި ފުޅީގައި ބާޒާރަށް ނެރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މުސްތަގުބަލުގަ ސްޓެލްކޯގެ ބިޒްނަސްތައް އެކި ދާއިރާއިން ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ސްޓެލްކޯއިން ފެން އުފެއްދުމުގެ މަސައްކަތް ކޮށްފައިވީނަމަވެސް އެ ޕްރޮޖެކްޓް ވެގެންދިޔައީ އެހާ ކާމިޔާބު މަސައްކަތަކަށް ނޫން ކަމަށެވެ.
"ސްޓެލްކޯގަ ފެން އުފެއްދުމުގެ ކެޕޭސިޓީ އެމްޑަބްލިޔުއެސްސީ އާ އެއްވަރަށް އެބަހުރި. ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓްގަ ހަރުކޮށްފައި ހުންނާނީ ސީވޯޓަރ ކޫލިންގ ސިސްޓަމެއް. މި ސިސްޓަމުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 900 އަށްވުރެ ގިނަ ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން އެބަހުރި." ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ސްޓެލްކޯއިން އުފައްދާ ފެން ކުޑަ އަގެއްގައި ވިއްކުމަށްޓަކައި އެމްޑަބްލިޔުއެސްސީއާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ސްޓެލްކޯ އިން އުފައްދާ ފެން އެމްޑަބްލިޔުއެސްސީން ގަނެފިނަމަ އެ ކުންފުނީގެ ޕްރޮފިޓް މާޖިން ވެސް ބޮޑުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް