ގޭގައި އެކަނި ބައިތިއްބާފައި މަންމަ ބޭރަށް ދިޔަ ވަގުތެެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެމެރިކާގެ ސެއިންޓް ލޮއިސްއިން 5 ކުއްޖަކު ނިޔާ ވެއްޖެއެވެ.
މި އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 10 އަހަރުން ދަށުގެ ކުދިން ކަމަށް އޭބީސީ 7 އިން ވަނީ ރިޕޯޓު ކޮށްފައެވެ. މި ހާދިސާ ހިނގާފައި ވަނީ ކުދިންގެ މަންމަ އެ ކުދިން އެކަނި ބައިތިއްބާފައި އެހެން މީހަކު ބަލާ ދިއުމަށް ބޭރަށް ދިޔަ ވަގުތުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އިލަނޮއިގެ އޮފިޝަލުން މި ހާދިސާއާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާން ނިއްވާ ކުރޫއަށް ހާދިސާ ރިޕޯޓު ކޮށްފައި ވަނީ މެންދަމު 3 ޖެހުމުގެ ކުޑަ އިރު ކޮޅެއް ކުރިން ކަމަށާއި، ކުރޫއިން އެ ގެއަށް ދިޔަ އިރުވެސް ނިދާ ކޮޓަރީގެ ތެރޭގައި 2 ކުއްޖަކު ނިޔާ ވެފައިވާ ކަމަށެވެ. އަދި ބާކީ ތިބި 3 ކުދިންނަށް ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހޭނެތިފައިވާ ކަމަށާއި، އޭގެ ތެރޭން 2 ކުއްޖަކުވެސް އެ ގެއިން ނެރުނު ތަނާ ނިޔާވެފައި ވާކަން ޔަޤީން ވެފައިވާ ކަމަށެވެ.
އެއް ކުއްޖަކު ހަސްފަތާލަށް ގެންދުވުނު ނަމަވެސް ކުޑަ އިރު ކޮޅެއް ތެރޭގައި ނިޔާވެފައިވާ ކަމަށްވެސް އީސްޓް ސެއިންޓް ލޮއިސްގެ އެސިސްޓެންޓް ފަޔަރ ޗީފް ޖޯޖް މެކްކްލެނަން މައުލޫމާތު ދެއްވާފައި ވެއެވެ. މެކްކްލެނަން އިތުރަށް ވިދާޅުވީ މި ހިތާމަވެރި ހާދިސާގެ ސަބަބުން އަލިފާން ނިއްވަން ދިޔަ ޓީމަށްވެސް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 2 އަހަރާއި 9 އަހަރާއި ދެމެދުގެ ކުދިންނެވެ.އަދި މި ހުރިހާ ކުދިންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ކުދިން ކަމަށް އޭބީސީން ރިޕޯޓު ކުރެއެވެ. ނަމަވެސް މި ކުދިންގެ އިތުރު ޒާތީ މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.
މި ކުދިންގެ މަންމަ ގޭގައި ކުދިން ނިދަން ބެއިތިއްބުމަށްފަހު ބޭރަށް ގޮސްފައި ވަނީ އާއިލާގެ އެހެން މެންބަރަކު މަސައްކަތުން ގެއަށް އެނބުރި ގެނެއުމަށްޓަކައެވެ. އަދި އެނބުރި ގެއަށް އައުމާއިއެކު މުޅި ގޭގައި ހުޅު ހިފާފައިވާ ތަން ފެނިގެން އެތައް ފަހަރަކު ކުދިން ސަލާމަތް ކުރުމަށް އިމާރާތުގެ ތެރެއަށް ވަނުމަށް އޭނާ މަސައްކަތް ކޮށްފައި ވެއެވެ.
މި ހާދިސާއާއި ގުޅިގެން މި ވަގުތު އިތުރު ތަޙްޤީޤުތައް ކުރިއަށް ދާއިރު، އަލިފާނުގެ ސަބަބުން އިތުރު 7 އާއިލާއަކަށް ވަނީ އިމާރާތް ދޫކޮށް އެހެން ތަންތަނަށް ބަދަލު ވާން ޖެހިފައެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު މި ފަރާތްތައް އެ އިމާރާތުގެ ތެރޭގައި ނުވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް