މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ކުރި ބިޑް ކާމިޔާބުކުރުމާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޙުނިޔާ ދަންނަވައިފި އެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ހުޅުވާލުމާއެކު ރަސްމީކޮށް ބިޑުކުރީ ރާއްޖެ އާއި ނޭޕާލުންނެވެ.
އޮންލައިންކޮށް ހޯމަ ދުވަހު ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ފާސްކޮށް ފައެވެ. އަދި މި ބައްދަލުވުމުގައި ވަނީ މި މުބާރާތް މި އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށްވެސް ނިންމާފަ އެވެ.
https://twitter.com/ibusolih/status/1424702189398753293?
ރައީސް ޞާލިޙް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި މި މުބާރާތް ރާއްޖޭގައި ބޭއްވުމަށްޓަކައި އެފްއޭއެމާ ގުޅިގެން މަސައްކަތް ކުރި އެންމެހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ބާއްވަން ފުރުސަތު ލިބުމަކީ އުފާވެރި ޚަބަރެއް ކަމަށެވެ. އަދި މި ބިޑް ކާމިޔާބުކުރުމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ވަޒީރު ވަނީ ތަޙުނިޔާ ދަންނަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް