ހދ. ކުޅުދުއްފުށީ ސިޓީގައި ކޮވިޑް ކޭސްތައް މަދުވާން ފެށުމުން އެ ރަށުގެ ކާފިއު އުވާލައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އެންމެ ގިނައިން މޮނިޓަރިންގ ހާލަތަށް ގެނައި އެއްރަށަކީ ކުޅުދުއްފުށި ސިޓީ އެވެ.
ކުޅުދުއްފުށި ސިޓީގައި އިޢުލާންކޮށްފައިވާ ކާފިއު މިއަދުން ފެށިގެން އުވާލާފައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފަ އެވެ.
އެރަށުގައި ކާފިއު ހިންގާފައިވަނީ ކޮވިޑްގެ ލޮކްޑައުންއާއެކު ކާފިއު ހިންގަން އަންގާފައި އޮންނަ އުސޫލުގެ ތެރެއިން ރޭގަނޑު 9 އިން ފަތިހު 4 އަށެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ކާފިއު އުވާލިނަމަވެސް އަދިވެސް މޮނިޓަރިންގގެ ހާލަތުގައި އޮތުމުން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކާފިއު އުވާލެވުނު ނަމަވެސް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުއްދަ ނެތި ރަށަށް އަރާ ފޭބުން މަނާ ކުރެވިފައިވާ ކަމަށެވެ. އަދި ޕާކް ކުޅިވަރު ކުޅޭ ތަންތަން އަދި އާންމު މައިދާންތައް ބަންދުކުރެވިފައިވާތީ ޒަރޫރީ ބޭނުމަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުން އެ ކައުންސިލުން ވަނީ އެދިފަ އެވެ.
ކުޅުދުއްފުށި ސިޓީގައި ކާފިއު އުވާލި އިރު އެރަށް މޮނިޓަރިންނަށް ލާފައި ވަނީ މިދިޔަ މަހުގެ 24 ވަަނަ ދުވަހު އެވެ. އެ ދުވަހު އެރަށް މޮނިޓަރިންގއަށް ލާފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ޕޮޒިޓިވްވުމުން ނެވެ.
އެގޮތުން މިހާތަނަށް އެ ސިޓީން ވަނީ 50 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ ސިޓީން ފެނުނު ކޮވިޑް ކޭސްތަކާއި ގުޅިގެން 33 ތަނަކާއި އުޅަނދުތަކެއް ވަނީ ކަރަންޓީން ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް