އޮކްޓޯބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި

ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕު ރާއްޖޭގައިި ބާއްވަން ނިންމައިފި އެވެ. މި އިމީ ކޯވިޑާއި ގުޅިގެން ފަސް ކުރެވިފައިވާ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ބާއްވަން ނިންމާ ތިން ވަނަ ގައުމެކެވ...

09 Aug 2021 | 15:48

ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕު ރާއްޖޭގައިި ބާއްވަން ނިންމައިފި އެވެ.

މި އިމީ ކޯވިޑާއި ގުޅިގެން ފަސް ކުރެވިފައިވާ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ބާއްވަން ނިންމާ ތިން ވަނަ ގައުމެކެވެ. ކުރިން މި މުބާރާތް ބާއްވަން ހަމަޖައްސާފައި އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެ ފަހަރު ބާއްވަން ހަމަޖައްސާފައި އޮތީ ބަންގްލަދޭޝްގައި އެވެ. އެންމެ ފުރަތަމަ ޕާކިސްތާނުގައި ބާއްވަން ހަމަޖެއްސި 13 ވަނަ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްއަށް ބަދަލު ކުރީ ގައުމުގެ ބާނީ ޝައިހް މުޖީބުއް ރަހްމާން (ބަންގުބަންދު) އުފަންވި 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވާލުމުގެ ގޮތުންނެވެ.

ބަންގްލަދޭޝްއިން މިފަހަރުގެ މުބާރާތް ނުބޭއްވޭނެކަން އިއުލާނު ކުރީ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަސް ގޮސްވެފައިވާތީ އެވެ. އެހެންވެ ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާ ސާފުން ނިންމީ އަލުން ބިޑަށް ހުޅުވާލާށެވެ.

މިފަހަރު ބިޑަށް ކުރިމަތިލީ ރާއްޖެ އާއި އެކު ނޭޕާލުންނެވެ. އިންޑިއާއިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ކުރިމަތިލާފައެއް ނުވެ އެވެ.

އޮކްޓޯބަރު މަހު ސާފް ޗެމްޕިއަން ޝިޕް އޮންނާނީ13-1 އަށެވެ. މި މުބާރާތުގައި ރާއްޖެ އާއި އެކު ވާދަ ކުރާނީ ފަސް ގައުމަކުންނެވެ.

މުބާރާތުގައި ވާދަ ނުކުރަނީ ޕާކިސްތާނާއި ބޫޓާނުންނެވެ. ބޫޓާންގައި ކޯވިޑް-19 ގެ ހާލަތު އޮތް ގޮތުން އެ ގައުމުގެ ގައުމީ ޓީމު ގައުމުން ބޭރަށް ފުރަން ހުއްދައެއް ނެތުމުން ބައިވެރި ނުވާއިރު ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާނީ ފަސް ޓީމެކެވެ. އެހެންވެ، މުބާރާތް ލީގު އުސޫލުން ކުޅޭތީ ރާއްޖެ އިން ހުށަހެޅީ ރާއްޖޭގައި އެކަނި މުބާރާތް ކުޅޭ ގޮތަށެވެ. ފައިނަލަށް ދާނީ އެންމެ ގަދަ ދެ ޓީމެވެ.

ރާއްޖެއިން މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ2008 ވަނަ އަހަރު ސްރީލަންކާ އާއި ގުޅިގެންނެވެ. އެފަހަރު ސެމީ ފައިނަލް ރާއްޖޭގައި ބޭއްވި އިރު ފައިނަލް ބޭއްވީ ސްރީލަންކާގައި އެވެ.

އެއަހަރުގެ މުބާރާތް ރާއްޖެ ކާމިޔާބު ކުރީ ފައިނަލްގައި އިންޑިއާ އާއި ވާދަކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް