އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވު އަންނަނީ ހޫނުވަމުން، ވިސްނާލަންޖެހޭ އެތައްކަމެއް އެބަހުރި!

ކައިރި މުސްތަޤްބަލެއްގައި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ބޮޑުތަނުން ދަށްކޮށް، މިހާރުން މިހާރަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަ...

09 Aug 2021 | 12:46

ކައިރި މުސްތަޤްބަލެއްގައި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ބޮޑުތަނުން ދަށްކޮށް، މިހާރުން މިހާރަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި ކަޑައަޅާފައިވާ ލަނޑުދަޑިއަށް ވާސިލްނުވެވޭނެ ކަމަށް ބައިނަލްއަޤްވާމީ ޖަމިއްޔާ ކަމުގައިވާ، އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކަލްއިމެޓް ޗޭންޖް (IPCC) އިން ބުނެފި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ދިރާސާކުރާ އެންމެ ތަޖުރިބާކާރު ސައިންޓިސްޓުން ހިމެނޭ އެ އިދާރާ އިން މިއަދު ނެރުނު ހާމަކުރި ރިޕޯޓެއްގައި ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ މޫސުމީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ވަރަށް އަވަސް ބާރުމިނެއްގައި އައިސްފައި ކަމަށެވެ. އަދި މިހާތަނަށް ފެނިފައިނުވާފަދަ ބަދަލުތައް ކުރިއަށްއޮތް ތަނުގައި ވެސް ފެނުން އެކަށީގެންވާ ކަމަށެވެ.'

މީގެ އިތުރުން ސިނާއީ އިންޤިލާބުން ފެށިގެން މިއަދާ ހަމައަށްވެސް އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވު ހޫނުވަމުން އަންނަކަމަށާއި މިވަގުތު ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ހުރީ ގާތްގަޑަކަށް އަހަރަކު 40 ގިގަ ޓަނުގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެވެރެޖްކޮށް އަހަރަކު މިވަރަށް ޖައްވަށް ވިހަ ގޭސް ބޭރެކުރެވޭނަމަ، ކުރިއަށް އޮތްތަނުގައި 1.5 ޑިގްރީހަށް ވުރެ މައްޗަށް ދުނިޔޭގެ ފިނިހޫނުމިން އަރައިގެންދާނެކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.

މިގޮތުން ބޭރުކުރެވޭ ވިހަގޭހުގެ ސަބަބުން ކުރާ އަސަރުތަކުގެ ތެރޭގައި، ދުނިޔޭގެ މޫސުމީ ނިޒާމު އާދަޔާޚިލާފަށް ބަދަލުވެ، މިކަމުގެ ސަބަބުން ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާ މިންވަރު އިންތިހާއަށް އިތުރުވެ، ފެންބޮޑުވުމުގެ ކާރިސާތައް އިތުރުވެ، އަނެއްބައި ހިސާބުތަކަށް ވާރޭވެހޭ މިންވަރު އިންތިހާއަށް ދަށްވެ، ފެނަށް ޖެހުން އިތުރުވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއިއެކު، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު މި ޤަރުނުގެ ތެރޭގައި ހުއްޓުމެއްނެތި އުފުލެމުން އަންނާނެ ކަމަށާއި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޖަޒީރާ ރަށްތަކުގެ ގޮނޑުދޮށްތައް ގިރާ މިންވަރު އިތުރުވެ ފެންބޮޑުވާ މިންވަރުވެސް އިތުރުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ކާރިސާތައް މީގެ ކުރިން، ކޮންމެ 100 އަހަރަކުން އެއް އަހަރަކު ފެނުނު ކަމުގައި ވީނަމަވެސް، މި ވަގުތުގެ އަންދާޒާތަކުން، މި ފަދަ ކާރިސާތައް  މި ޤަރުނުގެ ފަހުކޮޅުގައި، އަހަރަކު އެއް ފަހަރު އަންނާނެ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްަ އެވެ.

މީގެ އިތުރުން 2 ޑިގްރީސް ސެލްސިއަސްގައި ދުނިޔޭގެ ފިނިހޫނުމިން ހުންނަނަމަ، ޖައްވު ހޫނުވުމުގެ ސަބަބުން ނިކުންނަ ކާރިސާތައް އިތުރުވެ، ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރު އިތުރުވެ، ދަނޑުތައް ހަލާކުވެ، މިކަމުގެ ސަބަބުން ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށްވެސް ދަތިވުން އެކަށީގެންވާކަމަށް ބުނެފައި ވެއެވެ.

އެހެންނަމަވެސް، މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ނަމަ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ވަރަށް ހަލުވިކަމާއިއެކު އެކަށީގެންވާ މިންވަރަށް ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ މިންވަރު މަދުކުރެވިއްޖެނަމަ، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް މީގެ ނަތީޖާ ފެންނަން މަދުވެގެން 20-30 އަހަރު ނަގާނެކަމަށް ވަނީ ބުނެފަ އެވެ.

މި ރިޕޯޓަކީ އައި.ޕީ.ސީ.ސީގެ 6 ވަނަ އެސެސްމަންޓަށް، އެއް ވަނަ ވޯރކިނގް ގްރޫޕްގެ (WG1) ނިންމުންއްތައް ބަޔާންކޮށް ހުށައަޅާފައިވާ ރިޕޯޓެކެވެ. އަދި މި ރިޕޯޓުގެ މަޤްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ނިމި ދިޔަ އަހަރުތަކުގައާއި، މިހާރު އަދި ކުރިއަށް އޮތް ތަނުގައި ކުރާނެ އަސަރު ހޯދާ ދިރާސާކުރުމެވެ.

ދުނިޔޭގެ 196 ޤައުމަކުން މިދިޔަ ހުކުރު ދުވަހު، މި ރިޕޯޓު ބަލއިގެންފައިވާ އިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން މި ރިޕޯޓާއިބެހޭ ބަހުސްތައް މިއަހަރު ހިންގާފައިވަނީ 26 ޖުލައި އިން ފެށިގެން 2 ހަފްތާއަށް ދެމިގެން ދިޔަ އޮންލައިން ސެޝަންތަކެއްގަ އެވެ.

މިގޮތުން އޮންލައިންކޮށް ބަހުސްކުރެވި ބަލައިގަނެވުނު އައި.ޕީ.ސީ.ސީގެ ފުރަތަމަ ރިޕޯޓަށް މި ރިޕޯޓްވެގެންދާނެ އެވެ. މި ރިޕޯޓް ތައްޔާރުކުރުމުގައި ދުނިޔޭގެ 66 ޤައުމަކުން 234 ސައިންޓިސްޓުން މަސައްކަތްކޮށްފައިވެއެވެ.

https://www.ipcc.ch/report/ar6/wg1/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް