މާލޭ މެދު ޒިޔާރަތުގެ އާބާތުރަފިލުވުމާއި ބައެއް މަރާމާތުތައް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހެރިޓޭޖު މިނިސްޓްރީން ބުނީ މި މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށެވެ. އަދި މި މަސައްކަތް ކުރަމުންދަނީ އެ މަރުކަޒާއި ސްޓެލްކޯ ގުޅިގެން ކަމަށެވެ.
https://twitter.com/HeritageMv/status/1424703210472628238
މާލޭ މެދު ޒިޔާރަތުގެ އާބާތުރަ ފިލުވާ، ބައެއް މަރާމާތުތައް ފަށާފައިވާ އިރު، މީގެކުރިން ވަނީ މާލޭގެ ހުކުރު މިސްކިތާއި މުންނާރުގެ އާބާތުރަ ފިލުވާ، ބައެއް މަރާމާތުތައް ކޮށްފަ އެވެ.
އެގޮތުން ސްޓެލްކޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ފައިބެއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ވަނީ މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފަ އެވެ. މި މަސައްކަތުގެ ދަށުން އާބާތުރަ ފިލުވައި، ކުލަ ކެހިފައި ހުރި ތަންތަނުގައި ވަނީ ކުލަ ލާފަ އެވެ.
މުންނާރަކީ 300 އަހަރު ވީ ބިނާއެކެވެ. މުންނާރު ބިނާކޮށް ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެއިރު އަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށް ތާރީޚުން ދައްކަ އެވެ.
މީގެ އިތުރުން މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ވެސް ކޮށްފައިވާ އިރު، ކޮވިޑުގެ ހާލަތާއި ގުޅިގެން އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، ހުކުރު މިސްކިތް ހުޅުވާފައިވަނީ ފައިބެއަހަރުގެ އޮކްޓޯބަރ މަހު އެވެ.
ދުނިޔޭގެ ސަގާފީ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ މާލޭގެ ހުކުރު މިސްކިތުގެ (މުޅި ހުކުރު މިސްކިތުގެ) އާބާތުރަ ފިލުވުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމައިފައިވަނީ އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް