އެމެރިކާ އިން ރާއްޖެއަށް ފައިޒާ ވެކްސިންގެ އެއްލައްކައަށް ވުރެ ގިނަ ޑޯޒު ހަދިޔާކޮށްފި

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް 128،700 (އެއްލައްކަ އަށާވީސް ހާސް ހަތް ސަތޭކަ) ޑޯޒްގެ ފައިޒާ ކޮވިޑް-19 ވެކްސިން ދިވެހިރާއްޖެއަށް ހަދިޔާކ...

09 Aug 2021 | 12:09

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް 128،700 (އެއްލައްކަ އަށާވީސް ހާސް ހަތް ސަތޭކަ) ޑޯޒްގެ ފައިޒާ ކޮވިޑް-19 ވެކްސިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވަނީ، މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި، އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވީތީ އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ޕެންޑެމިކް ފެށުނީއްސުރެ އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވައި، އެކަށީގެންވާ ގޮތެއްގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް މި އެހީ ދިވެހި ސަރުކާރަށް މުހިއްމުވިކަން ފާހަގަކުރެއްވި އެވެ. އަދި ފައިޒާ ވެކްސިން ލިބުމުން، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަން މިނިސްޓަރ ނަސީމް ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެޤައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ދިވެހިރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެއްވާފައި ވެއެވެ.

އެގޮތުން 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީ.ޕީ.އީ (ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް) އާއި ޕީ.ސީ.އާރް މެޝިނާއި، ވެންޓިލޭޓަރާއި ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައި ވެއެވެ. އަދި އައި.އޭ.އީ.އޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށް ވެސް އެހީ ފޯރުކޮށްދީފައި ވެއެވެ.

އެމެރިކާއިން ހަދިޔާކުރި ވެކްސިން ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީ، ޑަބްލިޔު.އެޗް.އޯ ރެޕްރެޒެންޓޭޓިވް ޑރ ނަޒްނީން އަންވަރު، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ޑިފެންސްގެ އިސް ބޭފުޅުންނާއި، ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް