ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރުމުން އެކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭން ހެދުމަށް ބާއްވާ ބައްދަލުވުންތަކުގެތެރެއިން ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ ޕްލޭން ހަދަން ޖެހޭނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ.
މިބާވަތުގެ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުން މިހާރު ގާނޫނުން މަތިކުރެވިފައިވަނީ ކައުންސިލްތަކާ ކަމަށާއި އެހެންކަމުން އެ ޚިޔާލު ހޯދަންޖެހޭނީ ކައުންސިލް މެދުވެރިކޮށް ކަމަށް ވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރުމުން އެކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދެވޭނެ. މިހާރު ފެށުމަށް ތައްޔާރުވަމުންދާ ބްރިޖް ހެދުމުގެ މަސައްކަތް ރައްޔިތުންގެ ޚިޔާލަށް ހުށަހަޅާފައިނުވޭ." މޭޔަރ ވިދާޅުވި އެވެ.
މީގެ އިތުރުން މި މަޝްރޫޢުގައި ވިލިމާލެއަށް އަތުވެދާނެ ބަދަލަކާމެދު ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ހާމަކުރައްވައި، ޚާއްޞަގޮތެއްގައި ވިލިމާލޭ އިންޑަސްޓްރިއަލް ސަރަޙައްދަށް ވެދާނެ ގޮތެއްގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އޮތްކަމަށް ވެސް މޭޔަރ ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް