ވިލިމާލޭ އޮފީސް ޑިޕާޓްމަންޓަކަށް ބަދަލުކޮށް، މާލެއިން ލިބޭ ހުރިހާ ޚިދުމަތެއް ދޭން ނިންމައިފި

ވިލިމާލެ އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި މި ކައުންސިލުން ވިލިމާލޭ އޮފީސް ޑިޕާޓްމަންޓަކަށް ބަދަލުކުރައްވައި މާލެއިން ލިބޭ ހުރިހާ ޚިދުމަތެއް ދިނުމަށް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް މާލޭ ސި...

09 Aug 2021 | 08:55

ވިލިމާލެ އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި މި ކައުންސިލުން ވިލިމާލޭ އޮފީސް ޑިޕާޓްމަންޓަކަށް ބަދަލުކުރައްވައި މާލެއިން ލިބޭ ހުރިހާ ޚިދުމަތެއް ދިނުމަށް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރ މިހެން ވިދާޅުވީ މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމަށް ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ނެވެ.

މި އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެރޭ މި ބައްދަލުވުން އޮތީ ވިލިމާލޭ މުޙުޔިއްދީން ސްކޫލު ހޯލުގަ އެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭނާއި 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުއްވި އެވެ. އަދި މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢު ތައް ތަފްޞީލްކޮށްދެއްވި އެވެ.

ޚާއްޞަކޮށް ވިލިމާލެއަށް ހުރި މަޝްޜޫޢުތައް ހާމަކުރައްވާފައިވާ އިރު، ވިލިމާލެއާބެހޭގޮތުން ކައުންސިލުން މި ދައުރުގައި ނިންމާފައިވާ މުހިއްމު ނިންމުންތަކުގެ ތަފްޞީލު ވެސް ވަނީ ދެއްވާފަ އެވެ.

ވިލިމާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައިސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވި އެވެ.

މޭޔަރގެ އިތުރުން ވިލިމާލޭ ދާއިރާގެ ކައުންސިލަރ ނަހުލާ ޢަލީ މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރެއްވި އެވެ.

ބައްދަލުވުންތައް ތާވަލުކުރެވިފައިވާގޮތުން ދެން އެންމެ އަވަހަށް އޮންނާނީ މައްޗަންގޮޅީގެ ބައްދަލުވުމެވެ. އެ ބައްދަލުވުން އޮންނާނީ 10 ވަނަ ދުވަހުގެރޭ 8:30 ގައި ބާ ޖަމާލުއްދީން ސްކޫލުގެ ހޯލުގަ އެވެ.

މާފަންނު ބައްދަލުވުން 12 ވަނަ ދުވަހުގެރޭ 8:30 ގައި ބޭއްވުމަށް ނިންމާފައިވާ އިރު، ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގަ އެވެ. އަދި ހުޅުމާލޭ ބައްދަލުވުން 22 ވަނަ ދުވަހުގެރޭ 8:30 ގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މި ބައްދަލުވުންތައް އޮންނަ ތަން ފަހުން އިޢުލާނު ކުރާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް