ހިޖުރީ އައު އަހަރަކާ އެކު ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައި ފިޔަވަޅުތައް އެޅުމަށް އެމްއާރްއެމް އިން ގޮވާލައިފި

ހިޖުރީ އައު އަހަރަކާ ކުރިމަތިލާއިރު ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައި ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ. އެ ޕާޓީން މިހެން ގޮވާލީ 1443 ވަނ...

09 Aug 2021 | 08:29

ހިޖުރީ އައު އަހަރަކާ ކުރިމަތިލާއިރު ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައި ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.

އެ ޕާޓީން މިހެން ގޮވާލީ 1443 ވަނަ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ފޮނުވުމަށް ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުން ފަދަ އަނިޔާވެރި އެންމެހައި ކަންތައްތަކަށް ނޫނެކޭ ބުނާދީން ކަމަށެވެ.

އިސްލާމްދީނަކީ އެކުވެރިކަމަށާއި އިންސާނީ ކަރާމާތަށް ގޮވާލާ ދީނަށް ވުމާއެކު، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، އެ ކަންކަމަށް އިޚްތިރާމްކުރުމުގެ ޢަޒުމް ވަރުގަދަ ކުރުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭނެ ކަމެއްކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"އެގޮތުން، ރަސޫލާ صلى الله عليه وسلم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ހާދިސާއިން އިބްރަތް ލިބިގަނެ، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރިވެތި ނަމޫނާ ދެއްކުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެއް. ހިޖުރީ އައު އަހަރަކާ ކުރިމަތިލާއިރު އަޒުމް ކަނޑައަޅަންވީ، އިސްލާމީ އުންމަތަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައި ފިޔަވަޅުތައް އެޅުމަށް." އެމްއާރްއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އިސްލާމް ދީނަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމާއި މިފަދަ އަނިޔާވެރި އެންމެހައި ކަންތައްތަކަށް ނޫނެކޭ ބުނާ ދީން ކަމަށްވުމުން، މުސްލިމުން ދުނިޔެއަށް ދައްކައިދޭން ޖެހެނީ އިސްލާމް ދީނަކީ ރަހުމާއި އޯގާވެރިކަމުގެ ދީންކަމަށް ވެސް ބުނެފައި ވެއެވެ. އަދި ހިދާޔަތާއި ތެދުމަގުގެ ދީންކަންކަމަށް އެމްއާރްއެމްއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް