މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓު ޔޫސުފް ޝަފީއު (ޔޫއްޕެ) އިތުރު ކައިވެންޏެއް ކޮށްފި އެވެ.
ޔޫއްޕެ މިފަހަރު ކައިވެނި ކޮށްފައިވަނީ މ. މަޑުއްވަރިއަށް ނިސްބަތްވާ މަރިޔަމް އުލާ އާއި އެވެ. ދެމީހުންގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ އިއްޔެ ހަވީރު ގޯމޭ ރެސްޓޯރެންޓުގައި އެވެ.
ކައިވެނީގެ ފޮޓޯތައް އުލާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކޮށްފަ އެވެ. އެ ހަފްލާގައި ދެ ފަރާތު އާއިލާ އާއި ގާތް ރަހުމަތްތެރިންގެ އިތުރުން ފިލްމީ ދާއިރާގެ ބައެއް ފަންނާނުން ބައިވެރިވި އެވެ.
އުލާ އަކީ އަމިއްލަ ވިޔަފާރީގައި ކުރިއަރާފައިވާ ޒުވާނެކެވެ. އޭގެ ތެރޭގައި ކޭކު އެޅުމާއި ފެހުން ހިމެނޭއިރު ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުންގެ ހެދުން ޑިޒައިންކޮށް ފެހުމާއި ކޭކު އެޅުމަކީ އޭނާ އާންމުކޮށް ކުރާ އަދި ގިނަ ބައެއްގެ ތައުރީފު ލިބޭ މަސައްކަތްތަކެވެ.
މިއީ އުލާގެ އަލަތު ކައިވެންޏެވެ. އެކަމަކު ޔޫއްޕެ އުލާ އާއި ކައިވެނި ކުރުމުގެ ކުރިން އިތުރު ހަތަރު ކައިވެނި ކޮށްފައިވާއިރު އޭގެ ތެރެއިން ދެ ކައިވެންނަށް ދެ ކުދިން ލިބިފައިވެ އެވެ.
ޔޫއްޕެ މީގެ ކުރިން ކައިވެނިކޮށްފައިވާ މީހުންގެ ތެރޭގައި ފިލްމީ ތަރި ފާތިމަތު ފަރީލާ އަދި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ހިމެނެ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް އެކްޓަރު ޔޫއްޕެ މިހާރު ގިނައިން މަސައްކަތް ކުރަނީ ފިލްމުތައް ޕްރޮޑިއުސް ކުރުމާއި ޑައިރެކްޓް ކުރުމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް