ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަހުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާކުޑަކުރެވުމުގެ ސަބަބުން އިސްލާމީ އުންމަތް ބައިބައިވެފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިފެށުނު ހިޖުރީ އައު އަހަރުގެ މުނާސަބަތުގެ ފޮނުއްވެވި ތަހުނިޔާގެ ހިތާބުގައެވެ. ރައީސް ހިތާބުގައި، ހިޖްރީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށާއި، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ފޮނުއްވެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީއާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް، އިސްލާމީ އުންމަތް ވެގެންދިޔައީ، އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުންކަމަށެވެ. އަދި އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެހައި ދަތިތަކާއި ހުރަސްތައް ގިރާކޮށް، މުޅި ދުނިޔެއަށް އިސްލާމީ ހިދާޔަތުގެ ނޫރު ފެތުރިގެންދިޔައީ، މުސްލިމުންގެ މެދުގައި އޮތް އަޚުވަންތަ ގުޅުމުގެ ސަބަބުންކަމަށާއި މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަޚްވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީކަމަށް ރައީސް ވިދާޅުވިއެވެ.
ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ކޮންމެ ފަރުދެއްގެ އިންސާނީވަންތަ ކަމަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިޖްރީ އާ އަހަރަކަށް އުފަލާއެކު މަރުހަބާ ކިޔާއިރު، ހިޖްރައިގެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތައް، އަމަލީގޮތުން ތަންފީޒު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ހިޖްރައިގެ ހާދިސާއަކީ އެފަދަ ދެވަނައެއް ނެތް މަތިވެރި ނަމޫނާތަކެއް މުޅި އިންސާނިއްޔަތަށް ދޫކުރެއްވި މާތް ނަބިއްޔާގެ ވަސްމީރު ޒިކުރާއިން އިސްލާމީ އުންމަތަށް ދިރުން ގެނުވައިދޭ ހާދިސާއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް