އެޓޫގެ ނަސޭހަތެއް މެސީއަށް: ދަރިފުޅާ، ނުރޮއެ ހުއްޓާލާ !

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާސާއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވީ މިދިޔަ ޖޫންމަހުގެ ނިޔަލަށެވެ. މި އެއްބަސްވުން ހަމަވުމާއި އެކު ...

08 Aug 2021 | 19:08

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާސާއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވީ މިދިޔަ ޖޫންމަހުގެ ނިޔަލަށެވެ. މި އެއްބަސްވުން ހަމަވުމާއި އެކު މެސީ ހުރީ ހިލޭ ޓްރާންސްފާގެ ދަށުން އޭނާ ބޭނުން ކުލަބަކަށް ބަދަލުވުމުގެ މިނިވަން ކަމާއި އެކުގައެވެ. އެހެން ނަމަވެސް ބާސެލޯނާގެ އެދުމުގެ މަތިން އިތުރު އެއްބަސްވުން އައު ކޮށް އިތުރު ފަސް އަހަރު ދުވަހަށް ކުލަބުގައި މަޑުކުރުމަށް މެސީ އެއްބަސްވިއެވެ. އޭނާ ބާސާއާއި އެކު އިތުރު ފަސްއަހަރު މަޑުކުރުމަށް އެއްބަސްވީ މުސާރައިގެ ފަންސާސްއިން ސައްތަ އުނިކުރުމަށް ވެސް އެއްބަސް ވެގެންނެވެ.

ކަން މިހެން އޮތް ނަމަވެސް މެސީ އިތުރު ފަސްއަހަރު ބާސާގައި މަޑުކުރުމަށް ހުރަސްއެޅީ ސްޕެނިޝް ލީގުގެ އުސޫލުތަކާ އެއްގޮތައް މެސީގެ މުސާރައިގެ ކަންކަން ހަމަޖެއްސެން ނެތްކަމަށް ބުނެ ލަލީގާއިންނެވެ. ލަލީގާގެ މި ނިންމުން މެސީއަށް ވެގެންދިޔައީ ގަބޫލުކުރަން ދަދި ނިންމުކަމަށެވެ.

21 އަހަރުގެ ދިގު މުއްދަތަކަށް ބާސެލޯނާގައި ހޭދަކުރުމަށް ފަހު ކުލަބު ދޫކޮށްލުމަކީ މެސީއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އެގޮތުން ބާސާއާއި އަލްވަދާއުކިޔުމަށް މެސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ. ދުވަހަކުވެސް ނުރޯ ވަރަށް ޓީވީ ކުރިމަތީ އެތަކެއް މިލިއަން މީހުންގެ ކުރިމަތީ ގިސްލަގިސްލާފަ މެސީ ރުއިއެވެ. މި މަސްޒަރުފެނުމުން މެސީގެ ގިނަ ރައްޓެހިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުންނަކަށް ކެތެއް ނުކުރެވުނެވެ. މެސީއަށް ހަމްދަރުދީގެ މެސުތައް އޮހެމުން ދިޔައެވެ.

އެގޮތުން އެންމެ އަސަރާއި އެކު މެސީއަށް ހިތަވްރުދިން އެއް ފަރާތަކީ ކުރިން މެސީއާއި އެކު ބާސާގައި ގިނަ އަހަރުތަކެއް ވަންދެން އެކުގައި ކުޅުނު ފުޓްބޯޅަ ލެޖެންޑް ސެމިއުލް އެޓޫއެވެ. އެޓޫ ވަނީ މެސީއަށް ހިތްވަރު ދީފައެވެ.

އެގޮތުން އެޓޫ މެސީއަށް ފޮނުވި ހަމްދަރުދީގެ މެސެޖުގަައި ބުނެފައިވަނީ ފުޓްބޯޅައިގެ ހަޔާތަކީ ތަފާތު އެއްޗެއް ކަމަށާއި، ހިތާމައާއި ހިތްދަތިކަން އަންނާނެ އެއްޗެއް ކަމަށެވެ. މެސީގެ އަގު ވަރަށް ރަނގަޅަށް ވަޒަންކުރާ ކަމަށާއި މެސީއަކީ ދުނިޔެ ދުއް އެންމެ މޮޅު ކުޅުންތެރިޔާކަމަށްވެސް އެޓޫގެ މެސެޖުގައި ބުނެފައިވެއެވެ. އަދި އަބަދުވެސް އެދެނީ މެސީގެ މުސްތަޤުބަލް އުޖާލާވުން ކަމަށްވެސް އޭނާގެ މެސެޖުގައި ބުނެފައިވެއެވެ. އެޓޫ އެންމެ ފަހު ބަހެއްގެ ގޮތުގައި މެސީއަށް ބުނެފައިވަނީ ދަރިފުޅާއޭ ހެޔޮނުވާނޭ ނުރޮއެ ހުއްޓާލުމަށެވެ.

" ފުޓްބޯޅައިގެ ހަޔާތަކީ ހިތާމައާއި ހިތްދަތިކަން އަންނާނެެ އެއްޗެއް. އަހަރެން މެސީގެެ އަގުވަޒަންކުރަން. ތީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެން އަބަދުވެސް އެދެނީ މެސީއަށް އުޖާލާ މުސްތަޤުބަލެއް. ދަރިފުޅާ ހެޔޮނުވާނެ ނުރޮއެ ހުއްޓާލާ." އެޓޫގެ މެސެޖުގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފައިވާ ލިއޮނަލް މެސީ ދޫކޮށްލަން ބާސެލޯނާ އިން ނިންމިކަން އެ ކްލަބުން މިިމަހުގެ ހަވަނަ ދުވަހު އިއުލާންކުރުމާއެކު މުޅި ދުނިޔެއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. މިއީ ގިނަބަޔަކު އުންމީދު ކުރިވެސް ގޮތެއް ނޫނެވެ. އެހެން ނަމަވެސް މިކަން މިގޮތައްވެ ނިމިއްޖެ އެވެ.

2004 ވަނަ އަހަރު ބާސާގެ ސީނިއަރ ޓީމުން ޖާގަހޯދި މެސީ ވެފައިވަނީ މިދިޔަ އަހަރުތަކުގައި ބާސެލޯނާ އިން ހޯދި ކާމިޔާބީގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އަށެވެ. ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަ ފަހަރު މެސީ ހޯދާ ރެކޯޑް ހެދި އެވެ. އަނެއްކޮޅުން ބާސެލޯނާ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑުވެސް އޮތީ މެސީގެ އަތުގައެވެ. މެސީ ދޫކޮށްލަން ބާސެލޯނާ އިން ނިންމުމަކީ އެ ކްލަބުގެ ސަޕޯޓަރުންނަށް ބަލައިގަންނަން ވަރަށް އުނދަގޫވި ހިތްދަތި ކަމަކަށް ވަނީ ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް