ޔާމީން މަރާލީ ދީނީ ހިޔާލު ތަފާތު ވުންތަކެއްގެ ތެރެއިން: ފުލުހުން

ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދު މަރާލީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ގަބޫލުކޮށްގެން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިއަދު ބޭއްވި ނޫސްވެރިނ...

09 Aug 2017 | 17:33

ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދު މަރާލީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ގަބޫލުކޮށްގެން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ ޔާމީންގެ މަރާ ގުޅިގެން ހަތް މީހެއްގެ މައްޗަށަ ދައުވާ ކުރުމަށް ދައުލަތުން ނިންމާފައިވާ ކަމަށެވެ. އެކަމަކު މައްސަލައިގަ ހައްޔަރުކޮށް ފުލުހުން ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދުނީ އަށް މީހެއްގެ މައްޗަށެވެ.  އަށް މީހުންގެ ތެރެއިން އެކަކު ގޭ ބަންދުގައި ހުރި އިރު އަނެއް ހަތް މީހުން ތިބީ ފުލުހުންގެ ބަންދުގައި އެވެ.

ޝަމީމް ވިދާޅުވީ އެ މީހުންގެ ވިސްނުމުގައި، ޔާމީނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަން އެނގިފައިވާ ކަމަށެވެ. އަދި އެމީހުން ލައްވާ ޔާމީން މަރާލުމުގެ ފަހަތުގައި ތިބި ބައެއްގެ މައުލޫމާތު ލިބިފައިވާކަމަށް ޝަމީމް ވިދާޅުވި އެވެ.

އެމީހުންގެ ތަހުގީގު ފުލުހުން ކުރިޔަށް ގެންދަނީ ވަކި މައްސަލައެއްގެ ގޮތުގައި އެވެ. އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މީހުން ގަބޫލުކުރާ ގޮތުގައި ދީނަށް ފުރައްސާރަކުރާ މީހުންނާ ޚިޔާލު ތަފާތުވޭ. އެގޮތުން މި މީހުން ގަބޫލުކުރަނީ ޔާމީން ރަޝީދަކީ ވެސް ދީނަށް ފުރައްސާރަކުރާ މީހެއްގެ ގޮތުގައި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޔާމީން މަރާލުމުގައި ބައިވެރިވީ، އެކަށީގެންވާ ފެންވަރަށް ކިޔަވައިގެން ތިބި މީހުން ކަމަށް ވިޔަސް އެއީ ދީނީ ގޮތުން ބަސް ބުނުމުގެ އެއްވެސް ލިޔުމެއް ލިބިފައިވާ ބައެއް ނޫން ކަމަށެވެ. އިތުރަށް ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ތިން މީހަކު ކަމަށެވެ. ބާކީ ތިބި މީހުންނަކީ އެރޭ އެކި ސަރަހައްދުތަކުން ޔާމީނަށް ފާރަލީ މީހުން ކަމަށެވެ.

ފުލުހުން ބުނީ ޔާމީންގެ މަރާއި ސިޔާސީ އެއްވެސް ފަރާތަކާއި ގުޅުމެއް ނެތް ކަމަށާއި ބަޔަކު ފައިސާދީގެންވެސް ކުރިވި ކަމެއް ނޫންކަން ތަހުގީގުން ހޯދުނު މައުލޫމާތުތަކުން އެނގޭ ކަމަށެވެ. އަދި ޔާމީންގެ މަރާ ގުޅިގެން އެއްވެސް ހެއްކެތް ނައްތާލަން ފުލުހުން މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި މި މަރުގެ ހަގީގަތް ހޯދަން ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްފައިވާނެ ކަމަށެވެ.

އަދި ފުލުހުން މަސައްކަތް ކޮށްފައިވަނީ ތެދު ނިޔަތުގައި ކަން މިއަދު ޔާމީންގެ އާއިލާއަށް އެނގޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ވަގުތު ގޭގެ ބޭރުގައި ފާރައަށް ހުރީ ގ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުންގެ އިތުރުން ދެން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ ސިންދުބާންގޭ މުހައްމަދު އިފްރާން އާއި މ. ކުދެހި ހަސަން ޝިފާޒާއި ގދ. ތިނަދޫ ހިކިފިނިފެންމާގޭ އަހުމަދު ނަސޫހް އަބްދުﷲ އާއި މ. ޕާލްމާވިލާ މުހައްމަދު ޔަޝްފައު ރަޝީދު އަދި މ. ކޮޅުފުށި އީސްޓް ހުސެއިން ޒިޔާދު ކަމަށެވެ.

ޔާމީން ދިރިއުޅޭ މ.ސްޕެޓިއުލާގޭގެ ތިރީ ސިޑި ކައިރީގައި އަނިޔާވެރި ގޮތަކަށް އޭނާ މަރާލާފައި އޮއްވައި ފެނުނީ، މިދިޔަ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް