އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް މަރާލި ކަމަށް ފުލުހުން ބުނާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެމީހުން ހައްޔަރު ކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ މ. އަސަރޫހިޔާއިންނެވެ. އެރޭ އެ ގޭތެރެއިން 12 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ފުލުހުންގެ ހައްޔަރު ކުރި 12 މީހުންގެ ތެރެއިން އަނަސް މަރާލީ ކިތައް މީހުން ކަމެއް ހާމައެއްނުކުރެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓަށާއި ޖުވެނައިލް ކޯޓަށް ހާޒިރު ކުރުމުން އެކި މީހުންނަށް އެ ވަރަށް މުއްދަތު ޖަހައިދީފަ ވާ ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް އަށް ދުވަސް އަދި އަނެއް ބައި މީހުންނަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭގެ ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލިކަން ޔަގީން ކުރެވޭ މީހުން ހިމެނޭ ކަމަށެވެ. އެކަމަކު އެމީހުންގެ ބަންދުގެ މުއްދަތު މިހާ ކުރު ކޮށް ޖެއި އިރު މި ހަފްތާގައި ފުލުހެއްގެ ގަޔަށް ވަޅި ޖެހި މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި އެވެ.
އަދި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ހައްޔަރު ކުރާ މެންބަރުންގެ މުއްދަތުވެސް ޖަހަނީ މަދުވެގެން 15 ދުވަހަށެވެ. އަދި ދިއްގަރު ދާއިރާެގެ މެންބަރު ފާރިސް މައުމޫން އަށް ކުރާ ރިޝްވަތުގެ ތުހުމަތާއި ގުޅިގެން ތަހުގީގު ނުނިމޭ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި އެވެ.
މާލޭގައި ހިންގާ ގްރޫޕު މާރާމާރީތަކާއި ގުޅިގެން ފުލުހުން ވަނީ 34 މީހަކު މީހަކު ކޯޓު އަމުރެއްގެ ދަށުން ހޯދަމުންދާ ކަމަށް ބުނެފަ އެވެ. އާންމުކޮށް ކޯޓު އަމުރުގެ ދަށުން މީހަކު ހޯދާނަމަ ފޮޓޯ އާއި އެއްކޮށް އާންމު ކުރި ނަމަވެސް އޭގެން އެއްވެސް މީހެއްގެ ފޮޓޯއެއް އަދި ނަމެއްވެސް އާންމެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް