މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ގަވާއިދުގައި ވާގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، މިއަދުން ފެށިގެން ގަނެވިއްކުމަށް ހުޅުވާލެވޭނެކަމުގައި އެކުންފުނިން އިއުލާނު ކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ކާމިޔާބު ކަމާއެކު ނިންމައި، 14،045،260 ޙިއްޞާ، 8257 ޙިއްޞާދާރުންނަށް ވިއްކުމަށްފަހު ޖުމްލަ 421،357،800 ރުފިޔާ ހޯދާފައިވާއިރު، ވިއްކާފައިވާ ޙިއްޞާއަކީ ކުންފުނީގެ ދޫކޮށްފައިވާ ޙިއްޞާގެ %9.5 އެވެ.
"އުރީދޫގެ އައު ޙިއްޞާދާރުންނަށާއި، ޙިއްޞާ ގަނެވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އަޅުގަނޑުމެން ހޫނު މަރުޙަބާ އެއް ދަންނަވަން. އައިޕީއޯ މެދުވެރިކޮށް ޙިއްޞާ ބައްލަވައި ނުގަނެވުނު ބޭފުޅުންނަށް، ސެކަންޑަރީ މާކެޓް ޓްރޭޑިންގ މެދުވެރިކޮށް އުރީދޫ އަށް އިންވެސްޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައި. އުރީދޫގެ ޙިއްޞާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވުމާއެކު، އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުނި، އަދި އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުނި. އުރީދޫ މޯލްޑިވްސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރު ކުރިއެރުންތައް ހޯދަމުން، އަދި މި ކާމިޔާބީގައި އަޅުގަނޑުމެންގެ ޙިއްޞާދާރުން ބައިވެރިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ގޮތުން، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ޙިއްޞާދާރުންނަށް އެންމެ ފައިދާ ކުރަނިވި ގޮތުގައި." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
" އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، ގަނެވިއްކުމަށް ހުޅުވުމުގެ އުފަލުގައި، އެކުންފުންޏަށް ތަހުނިޔާ އަރިސްކުރަން. އުރީދޫގެ އައިޕީއޯ އަށް ލިބިގެންދިޔަ ކާމިޔާބީއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ވަކިން ހާއްސަކޮށް، އައިޕީއޯގައި ރާއްޖޭގެ ގިނަ ޙިއްޞާދާރުންގެ ބައިވެރިވުން ލިބިގެންދިޔައިރު، އެތަނުން 8,257 ޙިއްޞާދާރުންގެ ތެރެއިން 6،000 ޙިއްޞާދާރުންނަކީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި އަލަށް ބައިވެރިވި ފަރާތް ތަކަށް ވުމީ ވަރަށް ބޮޑު ކާމިޔާބީ އެއް. ސެކަންޑަރީ މާކެޓް ޓްރޭޑިންގ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ޙިއްޞާ ގަނެވިއްކައި ފައިދާ ހޯދުމުގެ ފުރުޞަތު މިއަދުން ފެށިގެން ޙިއްޞާދާރުންނަށް ލިބިގެންދާއިރު، މިކަމުގައި އެމްއެސްެއީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވަން. އުރީދޫ އިން ރާއްޖޭގެ ސްޓޮކް މާކެޓުގައި ބައިވެރިވުމާއެކު، ރާއްޖޭގެ ޙިއްޞާ ގަނެވިއްކުމުގެ މާޙައުލު އިތުރަށް ރަނގަޅުވެގެން ދާނެކަމަށް އަޅުގަނޑު އުންމީދުކުރަން." މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އަދު މެނޭޖިންގް ޑިރެކްޓަރ، ހަސަން މަނިކު ވިދާޅުވިއެވެ.
އުރީދޫއިން ހާމަކުރާގޮތުގައި ޙިއްޞާތައް އެކަށައެޅިފައިވާކަމާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާކަން އެންގުމަށްޓަކައި ކޮންމެ ޙިއްޞާދާރަކަށް ވަނީ ރަސްމީ ލިޔުމެއް ޕޯސްޓުކުރެވިފައެވެ. މިލިޔުން، ޙިއްޞާ ގަތުމަށްޓަކައި ޙިއްސާދާރުން ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ހަފްތާ އެއްތެރޭގައި ލިބިގެންދާނެއެވެ.
"އުރީދޫގެ ޙިއްޞާ ގަނެވިއްކުމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ނަންބަރު 3307878 ނުވަތަ އުރީދޫ މޯލްޑިވްސްގެ އިންވެސްޓަރ ރިލޭޝަންސް ގެ ނަންބަރު 9611992 އަށް ރަސްމީ ބަންދު ނޫން ގަޑީގައި (ހެނދުނު 8:30 ން ހަވީރު 4:30 އަށް) ގުޅުއްވުން އެދެމެވެ. އީމެއިލް އިން މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] ނުވަތަ [email protected] އަށް އީމެއިލް ކުރެވުން އެދެމެވެ." އުރީދޫއިން ހާމަކުރެ އެވެ.
އުރީދޫއިން އިތުރަށް ބުނީ އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، ގަނެވިއްކުމާބެހޭ އިތުރު މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެމްއެސްޑީ އަދި ރެގިއުލޭޓަރުންނާއި އެކު އުރީދޫ އިން މަސައްކަތް ކުރަމުންދާނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް