ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އިންތިހާބުވާ ފަހުން ޕާޓީ ދޫކޮށްލުމުން މަގާމު ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ދައުލަތުން މިގޮތަށް އެދިފައި ވަނީ، ގޮނޑި ގެއްލިފައިވާ ކަމަަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.
މި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ އެދިވަޑައިގެންނެވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 މާއްދާގެ ބ ބާތިލް ކޮށްދިނުމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނުގައި ވާގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާއި ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ އެވެ.
ދައުލަތުން ބުނީ މި މާއްދާ ބާތޮލް ނުކޮށްފި ނަމަ ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި ފުށޫ އަރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް