ސައުދީ އަރަބިއާގެ މައްކާގައި ހައްޖުވެރިން ތިބި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިހާދިސާ ހިނގާފައިވަނީ އަލް އަޒީޒިއްޔާ ސަރަހައްދުގައި ހުރި ހޮޓަލެއްގެ ހަތްވަނަ ބުރީގެ ކޮޓަރިއެއްގައި އެވެ. މައްކާގެ ސިވިލް ޑިފެންސްގެ ތަރުޖަމާން ކެޕްޓަން ނާއިފް އަލް ޝާރިފް ވިދާޅުވީ އަލިފާން ރޯވީ މޯބައިލް ފޯނެއްގެ ޗާރެއް ޝޯޓް ސާކިޓްވެގެން ކަމަށެވެ.
އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށް އެއްކޮށް ނިވާލި ނަމަވެސް އެ ހޮޓަލުގައި ތިބި 390 އަށްވުރެ ގިނަ ހައްޖާޖީން ވަނީ ނެރެފައި އެވެ. އެ އެންމެންނަކީ އިންޑިއާގެ ހައްޖުވެރިންނެވެ. އެކަމަކު އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ހައްޖު މޫސުމާއި ދިމާކޮށް މައްކާގެ ހޮޓާ ތަކުގައި ބޮޑު ނޫންނަމަވެސް އަލިފާނުގެ ހާދިސާތައް ހިނގުން އިތުރުވެ އެވެ. ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ބުނަނީ އެއީ ހެދިފައި ހުންނަ ގަވައިދުތަކަށް ބައެއް ފަހަރު ހައްޖާޖީން އަމަލު ނުކުރާތީ ދިމާވާ ހިތާމަވެރި ހާދިސާތައް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް