ޒަމާނުންސުރެ ބޮލީވުޑްގައި އެންމެ ގާތް ރަހުމަތްތެރިންގެ ގޮތުގައި ފާހަގަވެފައިވާ ކާޖޮލް ދޭވްގަން އާއި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ގުޅުން ކެނޑުނީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ކަރަން ޖޯހަރުގެ ފިލްމު "އޭ ދިލް ހޭ މުޝްކިލް" އާއި އެއް ދުވަހެއްގައި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ ފިލްމު "ޝިވާއޭ" ރިލީޒް ކުރުމާއި ގުޅިގެން އުފެދުނު ހިޔާލު ތަފާތު ވުންތަކުގައި އެކަކު އަނެކަކަށް އެއްޗެހި ކިޔުމަށް ފަހު ވަނީ ގުޅުން ކަނޑާލާފައި އެވެ. އަދި ކަރަން ޖޯހަރު ކީ އެއްޗިއްސާއި ގުޅިގެން ކާޖޮލް ވަނީ ދުވަހަކުވެސް ރަހުމަތްތެރިކަމުގެ ގުޅުން އެދެމީހުންގެ ދެމެދުގައި ނުބާއްވާނެ ކަމަށް ބުނެފައި އެވެ.
ފަހުން ކަރަން ޖޯހަރު، އޭނާގެ ބަޔޯގްރަފީގައި އެއް އިރެއްގައި ކާޖޮލް ދެކެ ލޯބިވެވުނު ކަމަށް ލިޔުމުން އަދި ވަކިން ކާޖޮލް ރުޅި އައެވެ. ކާޖޮލް ބުނީ މޮޅު ވާހަކައެއް ފޮތުގައި ލިޔެފަ އެވަނީ ފޮތް ވިއްކާނެ މޮޅު ގޮތެއް ހޯދުމުގެ ގޮތުން ކަމަށެވެ. މައްސަލަ ޖެހުނު ފަހުން މިހާތަނަށް ބޭއްވި އެވޯޑު ހަފްލާތަކުގައި ދެމީހުން ބައިވެރި ވިޔަސް ވާހަކަ ދައްކާ ނަހަދައެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިހާރު މަންޒަރު ބަދަލުވާން ފަށައިފި އެވެ. ފުރަތަމަ ރުޅިގަނޑު ފިނި ކުރުމަށް މަސައްކަތް ކުރީ ކާޖޮލް އެވެ. އެގޮތުން ކަރަން އިންސްޓަގްރާމް ކުރި ދެ ދަރިންގެ ފޮޓޯއަކަށް ކާޖޮލް ލައިކެއް ދިނުމުން ކަރަން އެކަން ފާހަގަ ކުރި ހިސާބުން ނުވަ މަސްވީ ރުޅި ގަނޑު ނިމުމަކަށް އައީ އެވެ.
މިދިޔަ ހަފްތާ ބަންދުގައި ކާޖޮލް ބޭއްވި އަމިއްލަ ޕާޓީއަކަށް ކަރަން އަށް ދައުވަތު ދިނުމުން އޭނާ ދިޔަ ކަމަށްވެ އެވެ. އަދި ދެ އެކުވެރިން ވަރަށް ގާތްކޮށް ވާހަކަދައްކާ ހީސަމާސާ ކުރި އެވެ. އެކަމާ ގުޅޭގޮތުން ކާޖޮލް ބުނެފައިވަނީ ވެދިޔަ ކަމެއް ވެދިޔައީ ކަމަށެވެ.
ކާޖޮލް ކަރަން ދެކެ އައި ރުޅި ކުއްލިއަކަށް ކޮންޓްރޯލްކޮށް އެކުވެރިވާން އަމިއްލައަށް މަސައްކަތް ކުރަން ފެށީ ކީއްވެ ކަމެއް ނޭނގެ އެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކާޖޮލް ވަނީ ކަރަން ޖޯހަރު ފިޔަވާ ކޮންމެ ޑައިރެކްޓަރަކު އޭނާ ކައިރީ ފިލްމު ކުޅެން ބުންޏަސް ކުޅޭ ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް