ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މޯލްޓާގެ ރައީސާ މެރީ ލުއީސް ކޮލެއިރޯ ޕުރެކާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު، އެކަމަނާގެ ރަސްމީ ގެކޮޅުގައެވެ.
ރައީސް އޮފީހުން ވިދާޅުވީ އިއްޔެ އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ ސިޓީފުޅެއް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މޯލްޓާގެ ރައީސާއަށް އެރުވި ކަމަށެވެ. އަދި މޯލްޓާއަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ދެންނެވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި އެމަނިކުފާނު މޯލްޓާގެ ރައީސާއަށް ޝުކުރު އަދާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ފާހަގަކޮށްލެވޭ އަންހެން ލީޑަރެއްގެ ގޮތުން މޯލްޓާގެ ރައީސާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ތަޢުރީފު ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޯލްޓާއާ ދެޤައުމުގެ ހުރި އެއްގޮތްކަން ފާހަގަ ކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، މޯލްޓާގެ ރައީސާ މަޝްވަރާކުރެއްވި ކަމަށާއި އަދި، މޯލްޓާގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް މޯލްޓާގެ ރައީސާ މަޢުލޫމާތު ދެއްވުމުގެ އިތުރުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލު ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް