ކުރުވާހަކަ: އަލިމަގެއް ހުވަފެނުން

ތޭރަ އަހަރުގެ އަލީއާއާއި ވިއާމު ބައިސްކަލު ދުއްވަމުންދިޔައީ  އަތިރިއާވީ ދިމާލަށެވެ. ސުކޫލު ބަންދު ދުވަސް ކޮޅެއްކަމުން ރަށުގެ ހިތްގައިމު ހަމަހިމޭން މާހައުލަށްވަނީ ހަލަބޮލިކަމެއް ވެރިވެފައެވެ. އެކި އުމު...

09 Jul 2025 | 15:28

ތޭރަ އަހަރުގެ އަލީއާއާއި ވިއާމު ބައިސްކަލު ދުއްވަމުންދިޔައީ  އަތިރިއާވީ ދިމާލަށެވެ. ސުކޫލު ބަންދު ދުވަސް ކޮޅެއްކަމުން ރަށުގެ ހިތްގައިމު ހަމަހިމޭން މާހައުލަށްވަނީ ހަލަބޮލިކަމެއް ވެރިވެފައެވެ. އެކި އުމުރުފުރާގެ މީހުންތަކުން މަގު ފުރާލާފައިއޮތްއިރު ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ.

ބާރުދުވެލީގައި ބައިސްކަލުތައް ދުއްވަމުންދިޔަ ދެ ރަހުމަތްތެރިންނަށް އަތިރިޔާ ހިސާބަށް ފޯރީ ހަމަ އިރު އޮއްސެން ދާދި ގާތް ވެފައި ވަނިކޮށެވެ.  އަލީ އޭނާގެ ދަބަހުން ކެމެރާ ނަގައި އިރުއޮއްސޭ މަންޒަރު ފޮޓޯ ނަގަން ތައްޔާރުވެލިއެވެ. ވިޔާމްވެސް  އަވަސްވެގަތީ އޭނާގެ ފޯނުން އެ މަންޒަރު ފޮޓޯ ނެގޭތޯއެވެ. ދެކުދިން ފޮޓޯ ނަގަމުން  އޮލަ ވާހައިގަ ތިއްބާ މަޣްރިބަށް ބަންގިގޮވާ އަޑު ފަޒާ ތެރޭގައި ގުގުމާލިއެވެ.

"ކޮބާ ....ހިނގާ އަވަހަށް ދަމާ ... އެއޮށް ބަންގިވެސް ގޮވީ."  ވިޔާމް ބައިސްކަލަށް އެރިއެވެ. "އަހަރެން ދާނަން އިރުކޮޅަކުން.... ވިޔާމް ނައްޓާލާ." އަލީ  ހުރީ އަދިވެސް އޭނާގެ ކެމެރާއިން ފޮޓޯނެގުމަށް ގެއްލިފައެވެ.

ގަލެއްގެމަތީގައި އަލީ އިށީދެގެން އެ އިނީ ނެގިފޮޓޯތައް ބެލުމުގައި އަވަދިނެތިއެވެ.  ނަމާދުކޮއްގެން މީހުންތައް މިސްކިތުންފޭބިއިރުވެސް ކެމެރާގެ އަވައިގާ ޖެހިފައިއިންމީހާއަށް  ގަޑިން ވީއިރެއްވެސް ރޭކާނުލައެވެ.  މީގެ ދާދި އިރުކޮޅެއް ކުރިން ހަލަބޮލިވެފައިވާ ރަށުތެރެއަށްވެސް ވަނީ އަމާންކަން ވެރިވެފައެވެ.

އިސާހިތަކު އުޑުމަތި ބަނަވެ ވިއްސާރަވިލާތަކުން އުދަރެސް ބައްދާލިއެވެ. ތުނި ވާރޭ ކަނި ޖަހަން ފެށުމުން އަލީ އުޑުމަތި ބަލާލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން އަވަހަށް ބައިސްކަލަށް އަރާ ގެއާ ދިމާލަށް ދުއްވާލިއެވެ.

ފަޅު މަގުތަކުން ދުއްވަމުން ދިޔައިރު އަލީގެ ހިތަށް ބިރުވެރިކަމެއް ވެރިވެފައިވެއެވެ. ދޭތެރެއަކުން މަގުގެ ދެފަރާތައް ނަޒަރު ހިންގާލައެވެ. ބައެއް ފަހަރު ފަހަތުން އެއްޗެއް އަންނަހެންވެސް ހީވެއެވެ.

ގެއަށްވަދެވުމާއެކު މާނޭވާލަމުން ގޮސް ކޮޓަރިއަށް ވަދެ އެދުމައްޗަށް ވެއްޓިގަތެވެ.  ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން ލޮލައް ނިދީގެ އަސަރު ފާއްދާލިއެވެ.

އަލީ އިނީ އަތިރިމަތީގައެވެ. ޝައުގުވެރިކަމާއެކު ކެމެރާއިން ފޮޓޯތައް ބަލަމުން ދިޔައިރު އަލީގެ ފަހަތުން ހިގާފައި ކަޅު ހިޔަންޔެއް އާދެއެވެ.

ސިހިގެން ފަހަތް އެބުރި ބަލާލީ މީހަކު ކޮނޑުގައި އަތް ބާއްވައިލުމުންނެވެ. މީހެއްނޫނެވެ. ކަޅު ހިޔަންޔެކެވެ. ސިހިފައި އަލީ ގާގަޑުމަތިން ފުއްމައިގެން ތެދުވެ ފަހަތައް ފިޔަވަޅު އަޅަމުންގޮސް އެނބުރި ރަށުތެރެއަށް ދުއްވައިގަތެވެ.

ދުވަމުން ދުވަމުންގޮސް އަލީއަށް ވަދެވުނީ ހަނި ގޯޅިގަނޑަކަށެވެ .ހަތަރު ފަރާތުން ފާރު ވަށައިގެން އަލީ ބައްދާލިއެވެ. މުޅިމީހާ ދާހިއްލާ މާނޭވާ އަރާ ހިތުގެ ތެޅުން އަވަސްވިއެވެ.

ކުއްލިއަކަށް ކުރިމަތީގައި  ހުރި ފާރުތެރެއިން އެއްކަލަ ކަޅު ހިޔަނި ވަދެގެން އައިސް އަލީގެ ކަރުގައި  ހިފާ ކަރަށް ވާންކުރަން ފެށިއެވެ. އެއާއެކު ވޭނީ ބިރުވެރި އަޑަކުން ހަޅޭ ލަވަންފެށިއެވެ. އޭތީގެ އަނގަހުޅުވާލައިގެން  ހުރިއިރު އަލީއަށް ފެނިގެން ދިޔައީ ދާދި ދެންމެއަކު އޭނާ ބަލަންހުރި ކެމެރާއިން ނެގި ތަސްވީރުތައް އަނދާ އަޅިޔަށް ވަމުންދާތަނެވެ. ދެން އަޑުއިވިގެންދިޔައީ ބަންގީގެ ގަދަ އަޑެވެ.  ހަމައެވަގުތު އެ ކަޅު ހިޔަނި ގެއްލުނެވެ. އޭގެ ބަދަލުގައި އެތާހުރީ ވިޔާމްއެވެ. "ކޮބާ.... ހިނގާ ދަމާ މިހާރު ބަންގިވެސް ގޮވީއެއްނު"

އަލީއަށް  ހޭލެވުނުއިރު މުޅި މީހީއޮތީ ދާހިއްލާފޯވެފައެވެ. ގަނޑި ބަލާލިއިރު އިޝާއައް ގޮވަން ފަސް މިނެޓައް ވެއްޖެއެވެ. ފެނުނު  ހުވަފެނާމެދު ވިސްނާލުމުން ހިތަށް ބިރުވެރިކަމެއް ވެރިވެގެން ދިޔައެވެ. އަވަސްއަވަހަށް ވުޟޫ ކޮއްލައިގެން ބައިސްކަލަށް އަރާ މިސްކިތާ ދިމާއް ދުއްވާލިއެވެ.

ބަންގިދޭންދެކައް ގުރުއާން ކިޔެވުމުގައި އަލީހުއްޓެވެ. ނަމާދުކޮށް ނިމި ކިޔަވާލާފައި މިސްކިތުން ނުކުތީ ދީނުގެ ކަންކަމައް ފަރުވާ ބެހެއްޓުމަށް ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައޅައިގެންނެވެ.


ނިމުނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް