ސެޕްޓެމްބަރުގެ ނިޔަލަަށް ސްމާޓް މީޓަރަށް ބަދަލުވާނެ: ސްޓެލްކޯ

މި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެކްސްގައި މިއަދު ...

09 Jul 2025 | 10:05

މި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"އަދި މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ" ފަހުމީ ވިދާޅުވެފައި ވެއެވެ.

ފަހުމީ ވިދާޅުވީ ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ ކަމަށާއި މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުން ކަމަށެވެ.

ހަމައެހެންމެ ސްމާޓް މީޓަރު ތައާރަފުކުރުމުން އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯ ކެއަރ މެދުވެރިކޮށް، ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ މުޢާމަލާތުކުރުމުގެ ފުރުޞަތު ވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

"ތަރައްޤީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒު" ފަހުމީ ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް