ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫޢު ފަށަފައި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ " ވޯޓަރ ސެކިއުރިޓި ޕްލޭން" ގެ  ދަށުން، ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢުގައި ހިމެނޭ، މާލ...

09 Jul 2024 | 15:26

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ " ވޯޓަރ ސެކިއުރިޓި ޕްލޭން" ގެ  ދަށުން، ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢުގައި ހިމެނޭ، މާލޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް އެމް.ޑަބްލިއު.އެސް.ސީ.އިން ބުނެފިއެވެ.

މާލޭގެ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރެވެނީ ރައީސުލްޖުމްހޫރިޔާގެ އޮފީހުގެ ނާރސަރީ ގެ މަސައްކަތް ކުރިން ކުރަމުން އައި މާލޭގެ 64 ނަމްބަރ ކޮށީގައެވެ. މި މަސައްކަތް ނިންމާލުމަށް ތާވަލު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. މި މަސައްކަތަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާ ކުރެވޭކަމަށް އެމް.ޑަބްލިއު.އެސް.ސީން ވަނީ ބުނެފައެވެ.

ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢަކީ، އެމް.ޑަބްލިޔު.އެސް.ސީ ގެ "ވޯޓަރ ސެކިއުރިޓި ޕްލޭން" ގެ ދަށުން 2016   ވަނަ އަހަރު ފެށުމަށްފަހު އެކިސަބަބުތަކާހުރެ  މަޑުޖެހިފައިއޮތް މަޝްރޫއެއް ކަމަށް އެމް.ޑަބްލިއު.އެސް.ސީން ވަނީ ބުނެފައެވެ. މި މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިގަނެ މާލޭގެ ޕަމްޕްސްޓޭޝަންގެ މަސައްކަތް ނިމުމާއިއެކު ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅިމެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލެވޭނެއެވެ. މި ކަމުގެ ސަބަބުން މާލޭ ސަރަޙައްދުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެއެވެ.

މާލޭގައި ޤާއިމްކުރެވޭ މި ޕަމްޕް ސްޓޭޝަންގެ އިތުރުން މި މަޝްރޫޢުގައި ހިމެނޭ އެހެން ބައިތަކަކީ ސިނަމާލެ ބްރިޖް މަތީގައި އަޅާފައިވާ  225  ކިލޯ މީޓަރުދިގު ހޮޅިލައިންއާއި،  ހުޅުމާލޭގައި ޤާއިމް ކުރެވޭ ޓްރާނސްފަރ ޕަމްޕް ސްޓޭޝަންއެވެ.  މީގެތެރެއިން، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމާއި، ޕްރެޝަރ ޓެސްޓްކުރުމުގެ މަސައްކަތްވަނީ ނިމިފައި ކަމަށާއި އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައްވެސް ވަނީ ފެށިފައި ކަމަށް އެމް.ޑަބްލިއު.އެސް.ސީން ވަނީ ބުނެފައެވެ.

ހުޅުމާލެ އާއި މާލޭގެ ފެނުގެވިޔުގަ ގުޅާލުމުގެ މަޝްރޫޢު މުޅިން ނިމި ޚިދުމަތަށް ގެނައުމަށް އެމް.ޑަބްލިއު.އެސް.ސީ އަމާޒު ކުރެވިފައިވަނީ މި އަހަރުގެ ނިޔަލަށެވެ. މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލްކަން އެމްޑަބްލިޔުއެސްސީ އަށް ލިބިގެންދާނެއެވެ.

މިއީ މާލޭގައި ފެން އުފެއްދުމާއި ފެން ރައްކާކުރުމާއި ފެން ފޯރުކޮށްދިނުމުގެ ޤާބިލްކަން އިތުރުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީން ފަށާފައިވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް