ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "ގަރލްސް ޓު ކޯޑް" ދިއްދޫ އެޑިޝަން ފަށައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގަރލްސް ޓު ކޯޑްގެ ހއ. ދިއްދޫ އެޑިޝަން ފަށައިފިއެވެ. ...

09 Jul 2024 | 11:02

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގަރލްސް ޓު ކޯޑްގެ ހއ. ދިއްދޫ އެޑިޝަން ފަށައިފިއެވެ.

އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިންގ ހުނަރު ދަސްކޮށްދޭ މި ޕްރޮގްރާމަކީ އަންހެން ކުދިން ބާރުވެރިކުރުވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިއްޔެ ފެށި މި ޕްރޮގްރާމް ސެޕްޓެންބަރު 2024 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. 10 އަހަރާއި 13 އަހަރުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވުމެވެ. މީގެ ކުރިން ކޯޑިންގެ ތަޖުރިބާއެއް ނެތް ބައިވެރިންނަށް މި ޕްރޮގްރާމް މެދުވެރިކޮށް އަމަލީގޮތުން ކޯޑް ކުރަން ދަސްކޮށް، ޕްރޮގްރާމް ނިމޭއިރު އާދައިގެ ވެބްސައިޓްތައް އުފައްދަންވެސް ދަސްވެގެންދާނެއެވެ.

ޝާމިލު މުޖުތަމަޢުއެއް ބިނާކުރުމާއި އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އެގޮތުން ހއ. ދިއްދޫއަށް ހާއްސަކޮށްގެން ކުރިއަށްދާ މި އެޑިޝަންގެ  އަމާޒަކީ އަންހެން ކުދިންނަށް ކޯޑިންގ ހުނަރު ދަސްކޮށްދީ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުމަށް ހިތްވަރުދިނުންމެވެ. އައު ޖީލެއްގެ ގަރލްސް ޓު ކޯޑް ލާމު އެޑިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ، އައު ޖީލެއްގެ އަންހެން ލީޑަރުންތަކެއް އުފެދި، ޓެކްނިލޮޖީގެ ސިނާއަތުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ފެނިގެންދިއުމަކީ ދިރާގުގެ އުންމީދު ކަމަށެވެ.

"މި ޕްރޮގްރާމަކީ ހަމައެކަނި ކޯޑް ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ނޫން. މި ޕްރޮގްރާމްގެ ޒަރިއްޔާއިން 21 ވަނަ ގަރުނަށް ބޭނުންވާ މުހިންމު ޑިޖިޓަލް ހުނަރުތައް ދަސްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް އީޖާދުކުރުމަށް ބާރުވެރިކުރުވާނެ،" ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވިއެވެ.

ގަރލްސް ޓު ކޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ގޮތުން އަމާޒުކޮށްގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ތައާރަފްކުރި ސިލްސިލާ ޕްރޮގްރާމެކެވެ. ގަރލްސް ޓު ކޯޑް ދިއްދޫ އަކީ މި ސީރީޒްގެ 5ވަނަ ޕްރޮގްރާމެވެ. މީގެ ކުރިން މި ޕްރޮގްރާމް ވަނީ ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި އަދި ލ. އަތޮޅުގައިވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައެވެ. އަދި މި ތަޢުލީމީ ޕްރޮގްރާމަކީ އެކި ސަރަޙައްދުތަކުގައި ހޭލުންތެރިކަން އިތުރުކޮށް، 21 ވަނަ ޤަރުނުގެ ޒަރޫރީ ހުނަރުތައް ޙާޞިލުކުރުމަށް ޒުވާން އަންހެން ކުދިންނަށް ހިތްވަރުދީ އެކަމުގެ ބިންގާ އެޅުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް