ކެމްޕޭނަށް ސްޓޭޓް މުދަލުގެ ބަދަލުގައި ޕްރައިވެޓް ތަކެތި ބޭނުންކުރާތަން މީގެ ކުރިއަކުން ނުފެންނަ ކަމަށް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވާ ކެމްޕޭން ފެއްޓެވުމަށް ށ. އަތޮޅުގެ ރަށްރަށަށް ވަޑައިގަތުމަށް އަމިއްލް އުޅަނދެއް ބޭނުން ކުރެއްވުމުންނެވެ..
ޒައިދު ވިދާޅުވީ، އަބަދުވެސް ހެޔޮ ބަދަލު ގެންނަ، ހެޔޮ ބަދަލަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
"ހެޔޮ ބަދަލެއް! ކެމްޕޭނަށް ސްޓޭޓްގެ މުދާ ބޭނުން ކުރުމުގެ ބަދަލުގައި ޕްރައިވެޓް ތަކެތި ބޭނުން ކުރަން ފެށުމަކީ މީގެ ކުރިން ނުފެންނަ މަންޒަރެއް" ޒައިދު ވިދާޅުވިއެވެ.
ޒައިދު ފާހަގަވެގެން ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ، އަދި އިދިކޮޅު ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެއް ގޮތަށެވެ.
އެގޮތުން މިފަހުން “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ބޭއްވި ޖަލްސާގައި، އެމީހުންގެ ލޯގޯ ދައްކާލާފައި ވާއިރު، އެ ލޯގޯއަށް ޒައިދު ވަނީ ފާޑު ވިދާޅުވެފައެވެ.
އެގޮތުން ޑިމޮކްރެޓްސްގެ ކުލައަކަށް ހަމަޖެހުނީ “ބޭބީ ބްލޫ” ނުވަތަ މަޑު ނޫ ކުލައެވެ. ލޯގޯއަކީ ‘އެސްޓްރިކް’އެވެ. ޑިމޮކްރެޓްސްއިން ބުނީ އޭގެން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކައާއި މާމެލާމެލި ކަމަށެވެ. އަދި އެއީ ކުރަހަން ފަސޭހަ، އެކި ކަންކަމަށް ބޭނުންކުރަން ފަސޭހަ، މާނަވީ ނިޝާނެއް ކަމަށެވެ.
އެ ލޯގޯއަށް ފާޑުވިދާޅުވެ ޒައިދު ކުރެއްވި ޓުވީޓެއްގައި ވަނީ، ‘ކްރޮސް’ ރޮނގުބުރިތައް އެއީ ކޮން ރަމްޒެއްތޯ ސުވާލު އުފައްދާފައެވެ. އަދި ލޯގޯ ފެނުމާއެކު ހީފުޅުކުރެއްވީ އެއީ ޖަޕަނީސް، ޗައިނީސް ބަހެއް ކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދުގެ އެ ޓުވީޓަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައި ވަނީ، ރޮނގުތައް ފެންނަން ހުރިއިރު އެއީ ކޯޗެއްތޯ ސުވާލު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް