ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ނޫސްވެރިންނަށް 'އަނގަވެސް ނުހުޅުވޭ' ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން މިއަދ ށ. އަތޮޅަށް ކުރައްވަމުން ދެންދަވާ ދަތުރުފުޅުގައި ކޮމަންޑޫގައި ހުންނަވައި ދެއްކެވި ވާހަކަދުފުޅުގައެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން ވޭތުވެދިޔަ ފަސް އަހަރު ކުރި އެންމެ ބުރަ އަދި އެންމެ މުހިންމު މަސައްކަތަކީ ރާއްޖެއަކީ ހަމަޖެހޭ އަމާން މުޖުތަމައެއް ގާއިމު ކުރުން ކަމަށެވެ. އަދި އޭގެ ހެޔޮ ނަތީޖާ މުޅި ރާއްޖެއިން ފެންނަ ކަމަށެވެ.
"އަޅުގަނޑުމެން 2018 ވަނަ އަހަރު ވެރިކަމަށް އައިއިރުގަ ރާއްޖޭގެ ހާލަތު އޮތް ގޮތް އަޅުގަނޑު ތަފްސީލުކޮށް ކޮންމެހެން ދަންނަވާކަން ނުޖެހޭ. މަގުމަތީގަ މީހުން މަރަމުން ދަނީ، ވިޔަފާރިވެރިއަކަށް ހަމަޖެހިލައިގެން ވިޔަފާރިއެއް ނުކުރެވޭ. ސިޔާސީ، ސަރުކާރާ ހިޔާލު ތަފާތު މީހެއް ވެއްޖެއްޔާ އިންނަން ޖެހުނީ ޖަލުގަ، ނޫނިއްޔާ ރާއްޖެއަށް ނާދެވި. ނޫސްވެރިންނަކަށް އަނގައެއް ނުހުޅުވޭ. މިހެންގޮސް މި ލިސްޓު އަޅުގަނޑަށް ކިތަންމެ ދިގުކޮށްވެސް ކީދާނެ" ރައީސް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވެ ކުރަންފެށި ކަންތައްތަކުން އައި ބަދަލު ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ މީހަކަށްވެސް ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ކޮންމެ މީހަކަށް އުފާވެރި ދިރިއުޅުމެއް ލިބެންޖެހޭ ކަމަށާއި އެއީ ވަކި އާއިލާއަކަށް ނިސްބަތްވެގެން ލިބޭ ހައްގެން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ކޮންމެ ފަރުދަކީ އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް އުޅޭ މީހަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި އަސާސީ ހިދުމަތްތަކުން މަރުހޫމުވެތިބެ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ އެވެ. އަސާސީ ހިދުމަތްތަކުގެ ތެރޭގައި ސާފު ފެނާ، ނަރުދަމާއާއި، ތައުލީމާއި ސިއްހަތު ހިމެނޭ ކަމަށާއި އެ ކަންތައްތަކާ ނުލައި ރަނގަޅު ދިރިއުޅުމެއް ނޫޅެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ބޮޑުރަށެއް ކުޑަރަށެއް ތަފާތު ކުރުމެއް ނެތި، މި ސަރުކާރުން އަސާސީ ހިދުމަތް ފޯރުކޮށްދެމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާދީދީގެ އިތުރުން އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް) ވަޑައިގެންނެވިއެވެ.
އެއްދުވަހުގެ މި ދަތުރުފުޅުގައި، ށ. ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް