ބޮޑުފޮޅުދޫގެ ބިން ހިއްކަން ތައްޔާރުވެއްޖެ

އއ. ބޮޑުފޮޅުދޫގެ ބިން ހިއްކަން ތައްޔާރުވެއްޖެއެވެ. އެރަށު ކައުންސިލުން ބުނީ، ބޮޑުފޮޅުދޫ ރައްޔިތންގެ އުންމީދީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރީތައް ވާން ފަށާފައިވާ ކަމަށާއި އެކަމުގެ އ...

09 Jul 2023 | 06:01

އއ. ބޮޑުފޮޅުދޫގެ ބިން ހިއްކަން ތައްޔާރުވެއްޖެއެވެ.

އެރަށު ކައުންސިލުން ބުނީ، ބޮޑުފޮޅުދޫ ރައްޔިތންގެ އުންމީދީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރީތައް ވާން ފަށާފައިވާ ކަމަށާއި އެކަމުގެ އުފަލުގައި ޖަޒީރާ ރަށްތަކުގެ ރައީސް، އިބްރާހިމް މުހައްމަދު ޞާލިހަށާއި ދާއިރާގެ މެމްބަރަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި ޕްރޮޖެކްޓްގައި ރަށުގެ ފަޅުން ހިއްކެން އޮތް 8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ބިން ނެތުމުގެ ސަބަބުން ބޯހިޔާވަހިކަމަށް އިންތިހާއަށް ދަތި ވެފައިވާ ބޮޑުފޮޅުދޫއިން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ1990 ގެ އަހަރުތަކުގައި ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އެރަށު ބިން ހިއްކަން ހަވާލު ކޮށްފައި ވަނީ2021 ވަނަ އަހަރުއެވެ.

ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓްއެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެގޮތުން 8 ހެކްޓަރު ހިއްކާ، 1052 މީޓަރުގެ ސަރަޙައްދެއް ޙިމާޔަތްކުރުމަށް ވަނީ ޙަވާލުކޮށްފައެވެ. 78 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެއްއަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.

މި ޕްރޮޖެކްޓްގެ އަގަކީ ޖުމުލަ 78.5 މިލިއަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް