ސިނަލާމެ ބްރިޖް ކައިރިއަށް އުދަޔާއި ގަލާއި ވެލި އަރާތީ އެކަމަށް ސަމާލުވާން ފުލުހުން އެދެފިއެވެ.
ފުލުހުން ބުނީ، ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާތީ، އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް އެދޭ ކަމަށެވެ.
https://twitter.com/PoliceMv/status/1677908668061216772
މާލެއަށް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރު ކުރަމުން ދާކަމަށް މެޓުން "ދުވަސް" އަށް މައުލޫމާތު ދިނެވެ. މެޓުން ބުނީ އަދި މިހާތަނަށް އެލަރޓް ނެރެފައި ނުވި ނަމަވެސް ދިޔަވަރު ބޮޑުވި ވަގުތު ކޮންމެވެސް ވަރަކަށް މާލެއަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށެވެ.
ހުޅަނގު މޫސުމުގައި މީގެ ކުރިންވެސް މާލެއަށް އުދައިގެ އަސަރު ކުރެއެވެ. އެގޮތުން ކާނިވާ ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖަކީ މީގެކުރިންވެސް ވަރަށް ބޮޑަށް އުދައިގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް ވަނީ އުދައާއެކު ގިނަ އަދަދަކަށް ކުނި ޖަމާވެފައެވެ. އަދި އުދައިގެ ސަބަބުން ކާނިވާ ސަރަހައްދު ވަރަށް ބޮޑަށް ފެންބޮޑުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް