އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ ޕްރިސީޒަން މެޗުތައް ކުޅުމަށް ތައިލެންޑަށް ޔުނައިޓެޑު މިހާރު ފުރާފައިވާއިރު، މި ޓުއާގައި އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރިވެފައި ނުވާކަމަށް ޔުނައިޓެޑުން ހާމަކޮށްފިއެވެ.
މި ދަތުރުގައި ރޮނާލްޑޯ ބައިވެރި ނުވިއިރު، ޕްރިސީޒަން މެޗުތަކަށް ތައްޔާރު ވުމަށްް ޔުނައިޓެޑުން ކުރިޔަށް ގެންދިޔަ އެއްވެސް ފަރިތަކުރުމެއްގައި ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށްް ޔުނައިޓެޑުން މިހާރު ބެންކޮކަށް ފުރާފައިވާއިރު، މި ދަތުރަށް ޔުނައިޓެޑުގެ ސްކޮޑުގައި ހިމެނުނު 31 ކުޅުންތެރިންގެ ތެރޭގައި ވެސް ރޮނާލްޑޯ ނުހިމެނެއެވެ.
މިމަހުގެ ތިން ވަނަ ދުވަހު ޔުނައިޓެޑުގެ ފަރިތަކުރުންތައް ފެށިއިރު، ރޮނާލްޑޯ ވަނީ ފުރަތަމަ ދުވަހު ވެސް ފަރިތަކުރުންތަކަށް ހާޒިރުނުވެވޭނެ ކަމަށް އަންގާފައެވެ. ސަބަބެއް ކަމަށް އޭނާ އަންގާފައިވަނީ އާއިލީ ސަބަބަކާ ހެދިކަމަށެވެ. ޔުނައިޓެޑުގެ ދެ ވަނަ ފަރިތަކުރުން އަންގާރަ ދުވަހު ކުރިއަށް ގެންދިޔައިރު، އެ ފަރިތަކުރުމަށް ވެސް ރޮނާލްޑޯ ހާޒިރުވެފައެއް ނުވެއެވެ. އަދި އޭގެ ފަހުން އެއްވެސް ފަރިތަކުރުމަކަށް ރޮނާލްޑޯ ހާޒިރުވެފައެއް ނުވެއެވެެ. ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ މިފަހަރު ޔުނައިޓެޑާއި އެކު ޕްރިސީޒަން ޓްވާގައި ބައިވެރިވެފައި ނުވަނީ އޭނާގެ އަމިއްލަ ސަބަބަކާ ހެދިއެވެ. އަދި އެކަން ރޮނާލްޑޯ ޔުނައިޓެޑުގެ މެނޭޖުމަންޓަށް އަންގާފައިވާ ކަމަށް ވެސް ޔުނައިޓެޑާއި ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.
ޔުނައިޓެޑުގެ ފަރިތަކުރުންތަކަށް ރޮނާލްޑޯ ހާޒިރުނުވާއިރު، އޭނާ ވަނީ ކުލަބް ދޫކޮށްލަން ބޭނުންވާކަމަށް އެ ޓީމަށް އަންގާފައެވެ. ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ނިންމީ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އެޓީމު ކޮލިފައި ނުވުމުންނެވެ. ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުނީ ނިމުނު ސީޒަންގައި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ލީގު ނިންމާނުލެވުމުންނެވެ. ޕްރިމިއަރ ލީގުގެ ހަވަނާގައި ލީގު ނިންމާލުމުން ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލި އެޓީމު މިއަންނަ ސީޒަންގައި ވާދަކުރަން ޖެހޭނީ ޔޫރަޕާ ލީގުގައެވެ.
އެހެން ކަމުން ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށް ޗެމްޕިއަންސް ލީގު ކުޅޭވޭ ކުލަބަކަށް ދިއުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރޮނާލްޑޯ ދިއުން އެންމެ ގާތީ ވާދަވެރި ޗެލްސީއަށް ކަމަށް ރިޕޯތުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް