ޗެލްސީއަށް ރޮނާލްޑޯ ވިއްކާލުމާއި މެދު ޔުނައިޓެޑުން ދެކޮޅު

މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމަށް ބުނެ މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ. އެގޮތުން މި ޓްރާންސްފާގައި އެހެން ...

09 Jul 2022 | 06:07

މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމަށް ބުނެ މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ. އެގޮތުން މި ޓްރާންސްފާގައި އެހެން ކުލަބަކުން ރަނގަޅު ހުށައެޅުމެއް ލިބިއްޖެ ނަމަ ކުލަބުން ދޫކޮށް ދިނުމަށް ރޮނާލްޑޯ ޔުނައިޓެޑުގެ މެނޭޖުމަންޓުގައި އެދިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އެގޮތުން ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުން މިހާރުވަނީ ރޮނާލްޑޯ ކުލަބުގައި އެދުނު ގޮތަށް އޭނާ ދޫކޮށް ދިނުމަށް އެއްބަސްވެފައެވެ. އަދި ޔުނައިޓެޑުގެ ފިއުޗާ ޕްލޭނުގައި ރޮނާލްޑޯ ނުހިމެނުމަށް ވެސް ޔުނައިޓެޑުން ނިންމާފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ކަން މިހެން އޮތް ނަމަވެސް ޔުނައިޓެޑާއި އެންމެ ވާދަވެރި ޗެލްސީއަށް ރޮނާލްޑޯ ވިއްކާލުމަށް ޔުނައިޓެޑުން ދެކޮޅުކަމަށް ރިޕޯޓުތައް ބުނެއެވެ. އިނގިރޭސި ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން ނިންމި ނަމަވެސް އޭނާ ޕްރިމިއާ ލީގުގެ ކުލަބަކަށް ވިއްކާލުމާއި މެދު ޔުނައިޓެޑުން ދެކޮޅެވެ. ޔުނައިޓެޑުން ރޮނާލްޑޯ ވިއްކާލަން ބޭނުންވަނީ ގައުމުން ބޭރުގެ އެހެން ކޮންމެވެސް ކުލަބަކަށެވެ.

ނަމަވެސް މި ޓްރާންސްފާގައި ރޮނާލްޑޯ ބަދަލުވުން އެންމެ ގާތީ ޗެލްސީއަށް ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެވެ. ޔުނައިޓެޑް ދޫކޮށްލަން ބޭނުންނުވާކަން ރޮނާލްޑޯ އެޓީމަށް އެންގުމާއެކު ގިނަ ކްލަބުތަކަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރޮނާލްޑޯ ދިއުމުގެ ފުރުސަތު އެންމެ ބޮޑީ ޗެލްސީއަށްކަމަށް ވެސްް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ހޯދުމަށް  ޗެލްސީގެ އައު އޯނަރު ޓޮޑް ބޯލީގެ ވަނީ ރޮނާލްޑޯގެ އެޖެންޓާ މަޝްވަރާކޮށްފައެވެ. އަދި ބޮޑު އަގެއް ޔުނައިޓެޑަށް ދިނުމުގެ އިތުރުން، ޗެލްސީގެ ބައެއް ކުޅުންތެރިންވެސް ޔުނައިޓެޑަށް ދޭން ޗެލްސީން ތައްޔާރަށް އޮތްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ނިންމީ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އެޓީމު ކޮލިފައިނުވުމުންނެވެ. ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުނީ ނިމުނު ސީޒަންގައި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ލީގު ނިންމާނުލެވުމުންނެވެ. ޕްރިމިއަރ ލީގުގެ ހަވަނާގައި ލީގު ނިންމާލުމުން ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލި، އެޓީމު މިއަންނަ ސީޒަންގައި ވާދަކުރަން ޖެހޭނީ ޔޫރަޕާ ލީގުގައެވެ. ނަމަވެސް ކެރިއަރުގެ ފަހު އަހަރުތަކުގައި ކްލަބް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަކުރަން ބޭނުންވާތީ ރޮނާލްޑޯ އަންނަ ސީޒަނުގައި ފެނިގެންދާނީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ކުލަބަކުން ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް