ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ ފުރަތަމަ 2 މެޗް އަހަރެމެން އެސް.ސީއާއި ސްޕޯރޓްސް ކްލަބް ފަހުލަވާނުން ކާމިޔާބުކޮށްފިއެވެ.
މުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗްގައި ނިލަންދޫގެ ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ އަހަރެމެން އެސް.ސީއާއި ވާދަކުރީ މަގޫދޫ ޖުވެނައިލް އެސް.ސީއެވެ.
މެޗް ފެށިގެން 2 ޓީމު ގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ އަހަރެމެން އެސް.ސީގެ ޓީމުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ޙަސަން ރާޢިދެވެ. މިލަނޑު ޖެހިތާ މާގިނައިރެއްނުވެ ޖުވެނައިލް ޓީމުން ވެސް ވަނީ ގޯލެއްޖަހާ ނަތީޖާ ހަމަކޮށްފައެވެ. ޖުވެނައިލްގެ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޢައްމާރު ބިން މުޙައްމަދު މުޞްޠަފާއެވެ.
ފުރަތަމަ ހާފް މިނަތީޖާއިން ނިމުނު ނަމަވެސް ދެވަނަ ހާފަށް ނުކުމެ އަހަރެމެން އެސް.ސީން ވަނީ ހިތްވަރާއެކު ކުޅެ ގޯލެއްޖަހާ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މުނީޒްއެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުރަތަމަ ގޯލް ޖަހައިދިން ޙަސަން ރާޢިދުއެވެ. މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ޙަވާލުކޮށްދިނީ މަގޫދޫ އެލް 4 ކްލަބްގެ ނައިބްރައީސް ސުހައިލް އަބޫބަކުރުއެވެ.
ދެވަނަ މެޗްގައި ނިލަންދޫ ފަހުލަވާނާއި ދަރަބޫދޫ ބީސީ ބައްދަލު ކުރި މެޗް ފަސޭހަ ކަމާއެކު 6 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ފަހުލަވާނެވެ.
މެޗްގެ ކުރީކޮޅު ލަނޑެއްޖަހާ ބީސީން ކުރި ހޯދިނަމަވެސް ފަހުލަވާނުންވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ގޯލް ޖަހާ ނަތީޖާ އަނބުރާލާފައެވެ. ބީސީގެ މުޒްދާން ޙަސަން ގޯލެއް ޖަހާފައި ވަނިކޮށް ފަހުލަވާނުގެ ރިލްވާން ވަޙީދުއާއި މުޙައްމަދު ނާފިޢު އަޙުމަދު ދެ ގޯލުން ފަހުލަވާނު ކުރި ހޯދުމަށް ފަހު ދެވަނަ ހާފަށް ނުކުމެ ޢާދިލް ޢަލީ ލަނޑެއް ޖަހާ ފަރަގު ބޮޑުކޮށްދީފައިވަނިކޮށް ރިލްވާން ވަޙީދުވަނީ އޭނާގެ ހުނަރު ބޭނުންކޮށްގެން ތަފާތު ދައްކާފައެވެ.
އެގޮތުން ހަތް މިނެޓް ތެރޭގައި ރިލްވާން ވަނީ އިތުރު ތިން ގޯލް ޖަހާފައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ރިލްވާން ވަޙީދެވެ. މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ޙަވާލުކޮށްދިނީ ގްލޯބަލް ޓެލެންޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ރަޝީދެވެ.
މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން ފ. އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމުލަ 11 ޓީމަކުންވަނީ ބައިވެރިވެފައެވެ. އެއީ ނިލަންދޫގެ 7 ޓީމެއްގެ އިތުރުން ދަރަނބޫދޫ 2 ޓީމަކާއި މަގޫދޫ އަދި ބިލެތްދޫން ބައިވެރިވި ޓީމެކެވެ.
މުބާރާތުގައި ބައިވެރިވި 11 ޓީމު 3 ގްރޫޕަކަށް ބަހާލައިގެން ޢީދުވިލޭރޭ ފެށިގެން ދިޔަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައިމަހު 15 ވަނަ ދުވަހު ހަވީރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް