މާލޭ ސަރަހައްދުގައި ކެމިކަލް މެނޭޖުކުރާ ފެސިލިޓީއެއް ގާއިމުކުރަނީ

ގްރޭޓާ މާލޭ ސަރަހައްދުގައި ކެމިކަލް މެނޭޖުކުރާ ފެސިލިޓީއެއް ގާއިމުކުރުމަށް ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖަރުމަނު ވިލާތުގެ ކުންފު...

09 Jul 2021 | 18:22

ގްރޭޓާ މާލޭ ސަރަހައްދުގައި ކެމިކަލް މެނޭޖުކުރާ ފެސިލިޓީއެއް ގާއިމުކުރުމަށް ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖަރުމަނު ވިލާތުގެ ކުންފުންޏެއް ކަމަށްވާ ފިޗްނަރއާ އެވެ. ފިޗްނަރގެ ފަރާތުން ސަބް ކޮންސަލްޓަންޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރިނިއުބަލް އެނާޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި ފިޗްނަރ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކިޓިވް ޑިރެކްޓަރު އެލެކްސެންޑާ ބޯމްއެވެ.

މި ފެސިލިޓީ ގާއިމްކުރަނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއި އެކު 2020 ވަނަ އަހަރު ފަށާފައިވާ "އެލިމިނޭޓިން ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުންނެވެ. މިއަދު ހަވާލުކުރި ކޮންސަލްޓެންސީގެ އަގަކީ 1.6 މިލިއަން ރުފިޔާއެވެ.

މަސައްކަތާއި ހަވާލުވި ފަރާތުން މަސައްކަތް ނިންމުމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ 6 މަސް ދުވަހެވެ.

މި ފީސިބިލިޓީގައި ބަލާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފެސިލިޓީ ހިންގޭނެ އިންތިޒާމުތައް ބަލައި ދިރާސާކުރުމާއި ފެސިލިޓީގެ އިންޖިނިއަރިނގ ޑިޒައިން ތައްޔާރުކުރުން ހިމެނެއެވެ. ފެސިލީޓީ ގާއިމުކުރުމުން ނުރައްކާތެރި ކުނީގެ ބާވަތްތައް ވަކިކުރެވި ނުރައްކާތެރި ކުންޏާއި ކެމިކަލްސް މެނޭޖުކުރުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތިމާވެއްޓަށް ގެއްލުން ކުޑަކޮށް ކެމިކަލްސް އަދި ނުރައްކާތެރި ކުނި މެނޭޖްކޮށް، ދިވެހިރާއްޖޭގައި މެނޭޖުނުކުރެވޭނެ ފަދަ ކުނީގެ ބާވަތްތައް މި ފެސިލިޓީގައި ސްޓޯރ ކޮށް، ބޭރުގެ ފެސިލިޓީތަކަށް ގެންގޮސް ރައްކާތެރިގޮތުގައި މެނޭޖްކުރުމަށް މިނިސްޓްރީން ވަނީ ރާވާފައެވެ.

އަދި ޕެސްޓިސައިޑް ބޭނުންކޮށްފައި ހުންނަ ކަންވާރު، ދަވާދު ހުސްވާ ފީފާ ނުވަތަ ކޮންޓެއިނަރ، ލެބޯރެޓަރީތަކުގައި ބޭނުންކުރާ މުއްދަތު ހަމަވެފައިވާ ކެމިކަލްގެ ބާވަތްތައް ދެމެހެއްޓެނިވި އުސޫލުތަކާއި އެއްގޮތަށް މެނޭޖުކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން، މާހައުލީ ނިޒާމަށް މި ފަދަ ނުރައްކާތެރި ކުނި އަދި ކެމިކަލްތަކުގެ ބާވަތްތައް ބޭރުވުމުގެ ސަބަބުން ފަސްގަޑަށާއި ކަނޑުގެ ދިރުންތަކަށް ދިމާވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް