މި ހިނގާ ހައްޖު މަހުގައި ހެޔޮ އަމަލުކުރުން ގިނަކުރުމަށް ހުކުރު ހުތުބާގައި ގޮވާލައްވައިފި

މި ހިނގާ ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި، މި ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ...

09 Jul 2021 | 09:08

މި ހިނގާ ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި، މި ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުތުބާ ބިނާކޮށްފައި ވަނީބ''ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން'' މި މައުޟޫގެ މައްޗަށެވެ.

ޚުތުބާގައި ބުނީ ހައްޖުމަހުގެ ދިހަ ދުވަހުގެ މާތްކަމާއި، މަތިވެރިކަން ގިނަގުނަ ކަމަށާއި، މުސްލިމުންނަށް މާތް ﷲ ދެއްވާފައިވާ މި ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބަޔަކު ކަމުގައިވާން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ ﷲ ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި، މި ދުވަސްތަކުގައި މާތްﷲގެ މަތިން ހަނދުމަކުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިޙު އަމަލުތައް ގިނަކޮށް، ﷲ ގެ ރުހިވޮޑިގަތުން ލިބޭތޯ ވާދަ ކުރަންޖެހޭ ކަމަށެވެ. މި ދިހަ ދުވަހު ކުރުން ހެޔޮވެގެންވާ އަމަލުތަކުގެ ތެރޭގައި، ރޯދަހިފުމާއި، ގުރްއާން ކިޔެވުމާއި، ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ހިމެނޭ ކަމަށެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ، ﷲ ހަނދުމަކުރުންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ބަރަކާތްތެރިކަން އެންމެ ބޮޑު ޒަމާނަކީ، ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސްކަން ކަމަށާ އެ 10 ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް ﷲ މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ. އަދި މި ދީން ފުރިހަމަވުމުގެ ސަބަބުން، މި ދީނުގެ އަހުލުވެރިން ކުރާ އަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބޭ ކަމަށާއި، އެމީހުންގެ ޙަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮ ލަފާ ޙަޔާތަކަށް ވާ ކަމަށެވެ. އަދި އެމީހުންގެ ސުލޫކާއި، އަހުލާގު ރިވެތިވާ ކަމަށާއި، އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން، މުސްލިމުންނަށް އެންމެ ސީދާ މަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަޞީބު ލިބޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ، ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރެއް ކަމަށާއި، އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ވެސް ހައްޖު މަސް ކަމަށެވެ.

މިކަން ބަޔާންކޮށްދެއްވައި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައީ ''ދުނިޔޭގެ އެންމެ މާތް ދުވަސްތަކަކީ ހައްޖުމަހުގެ ދިހަ ދުވަހެވެ'' އެކަލޭގެފާނު މުސްލިމުންނަށް އަމުރު ކުރައްވާފައިވަނީ ''މިދުވަސްތަކުގައި ތަކުބީރާއި ތަޙުމީދާއި ތަހުލީލާއި، ތަސްބީޙަ ކިޔުން ގިނަ ކުރުމަށެވެ''

ޚުތުބާގައި ބުނީ ﷲ އަށް ހަނދުމަކުރާ މީހާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި ޝައިތާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިން ރައްކައުތެރިކޮށްދެއްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް