ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގެންނަވައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ ބޮޑުބައި ސްކޫލްތަކުގައި ނުކިޔަވައި ދެވި ދިއުމުން އަހަރު އޮތީ މިއަހަރުގެ ޖޫންގެ ނިޔަލަށް ދިގު ދަންމާލާފައިއެވެ. އެ ބަދަލާއި އެކު ކޮންމެ އަހަރެއްގެ އޮގަސްޓު މަހުން ފެށިގެން ދިރާސީ އަހަރު ފެށޭގޮތަށް ވަނީ އެޑިއުކޭޝަނުން ނިންމާފައި އެވެ.
އެހެންވެ މަޖިލީސް މެމްބަރުންވެސް އާއިލާ އާއި އެކު ވަގުތު ހޭދަ ކުރަން ޖެހޭތީ ދެވަނަ ދައުރު ނިންމާ ދުވަސްވަރަށް ވަނީ ބަދަލު ގެނެސްފައި އެވެ. މި ބަދަލާއި އެކު ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމެންދެން ކުރިޔަށް ގެންދާ ދެވަނަ ދައުރުގެ ޖަލްސާތައް ވަނީ އަވަހަށް ނިންމާލާފައިވެ އެވެ.
މިހާރު ނިންމާފައި އޮތް ގޮތުން މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ 16 ވަނަ ދުވަހު ފަށާނެ އެވެ. އިއްޔެ މެންދުރު ފަހު ފެށި މަޖިލީހުގެ ޖަލްސާ ނިންމާލީ ރޭ ފަތިހު 4:00 ގައި އެވެ.
ދައުރު އިއްޔެ ނިންމުމުގެ ގޮތުން އާންމުކޮށް މަޖިލިސް ނުބާއްވާ ބުރާސްފަތި ދުވަހު ޖަލްސާ ބާއްވައި ގިނަ މައްސަލަތަކެއް ނިންމާފައިވެ އެވެ. އެގޮތުން އޮޑިޓާ ޖެނެރަލް އައްޔަން ކުރުމާއި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ކުރިޔަށް ގެންދިޔަ އިންކުއަރީ ރިޕޯޓު ފާސްކުރުން ހިމެނެ އެވެ.
އެމްޑީޕީން ނިންމަން އަމާޒު ހިފި މަސައްކަތްތަކުގެ ތެރެއިން ފާސް ނުކުރެވުނީ ނަފުރަތުގެ ބިލެވެ. އެ ބިލް ފާސްކުރަން އިއްޔެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އގޮތުމަށް ފަހު ފިއްތުންތަކާއި ގުޅިގެން ބިލު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް