ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލްއަށް ބަދަލުކުރާއިރު އަދި އެއަށްފަހުވެސް އެބަދަލުގެނައި އަސްލު ސަބަބުގެ ތަފްސީލު އެމްއެންޑީއެފުން މިއިންކުއަރީއަށްވެސް އަދި ފުލުހުންގެ ތަހުގީގަށްވެސް ހިއްސާކޮށްފައިނުވާކަމަށް 241 ކޮމިޓީން ކުރިޔަށް ގެންދިޔަ އިންކުއަރީ ރިޕޯޓްގައި ބުނެފިއެވެ.
ރައީސް ނަޝީދުގެ ސެކިޔުރިޓީ ބަލިކަށިވި ގޮތުގެ އިންކުއަރީ ކުރިޔަށްގެންދިޔުމަށްފަހު އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް އަށް ބަދަލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގައު ކަމަށް ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ޑޮކިޔުމަންޓުން އެނގޭކަމަށެވެ.
ތްރެޓް ލެވެލް ބަދަލުކޮށްފައިވަނީ 15 ފެބްރުއަރީގައި ފޭސްބުކްގައި މާތް ﷲ އަށްޓަކައި އަދި ކީރިތި ރަސޫލާ(ޞ)އަށްޓަކައި މަރާލަން ބޭނުންވާ މީހުންކަމަށް ބުނެ އާންމުކުރި ލިސްޓެއްގައި ރައީސް ނަޝީދުގެ ނަން ހިމެނިފައި ވާތީއެވެ.
އެގޮތުން ފޭސްބުކްގެ އެޕޯސްޓާ ގުޅިގެން ރައީސް ނަޝީދުގެ ތްރެޓް ލެވެލް ރީއެސެސް ކުރެވުނު ކަމާއި އަދި އިންޓެންޓް މަތިވަމުންދާކަމަށް ބެލި ކުރީގައި ލިބިފައިވާ މައުލޫމާތުތަކާއި ސަލާމަތީ މަޝްރަހަށް އަންނަމުންދިޔަ ބަދަލުތަކަށް ރިޢާޔަތްކޮށް ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް ކަނޑައެޅުނުކަމަށް ޑޮކިޔުމަންޓްގައި ބުނެފައިވެއެވެ.
މިގޮތަށް 15 ފެބްރުއަރީގައި ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް ކަނޑައަޅާއި 25 ފެބްރުއަރީގައި ރައީސް ނަޝީދުގެ ތްރެޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކޮށްފައިވެއެވެ.
ތްރެޓް ލެވެލް ކްރިޓިކަލް އަށް ބަދަލުކުރި ސަބަބު ސާފުކުރުމަށް އެމައުލޫމާތު ފުލުހުންނާއި އެމްއެންޑީއެފް ލީޑަރޝިޕާ ދެމެދު ބޭއްވުނު ބައްދަލުވުމަށް ހަވާލާދީ އިންކުއަރީގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގައިވެސް ވަކިވަކި މައުލޫމާތުތައް ޑީއައިއެސްގެ ފަރާތުން ފުލުހުންނަށް ލިބިފައިނުވާކަމަށެވެ.
މީގެއިތުރުން މިހާރު ކުރިޔަށްގެންދާ ތަހުގީގުގެ ތެރެއިން މިމައުލޫމާތަށް އެދި ރިކުއެސްޓްކޮށް ސިޓީއަކުން ރިކުއެސްޓްކުރެވުނު އެސިޓީގެ ޖަވާބުގައި ވަކި ކަމެއް ދިމާވެގެން އެ ތްރެޓް ލެވެލް މަތިކުރި ސަބަބު ބަޔާންކޮށްފައިނުވާކަމަށް ސީފީ ވަނީ ވިދާޅުވެފައެވެ.
އިންކުއަރީ ރިޕޯޓްގައި ވަނީ މިމައުލޫމާތު ފުލުހުންގެ ތަހުގީގަށް ހިއްސާކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިމައުލޫމާތު ސިއްރުކުރުމަކީ ތަހުގީގަށް އެޅޭ ހުރަހެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް