އިންޓެލިޖެންސް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެކަށީގެންވާ ބަޖެޓެއް ފޯރުކޮށްދިނުމަށް ފާސްކޮށްފި

އިންޓެލިޖެންސް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެކަށީގެންވާ ބަޖެޓެއް ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މ...

09 Jul 2021 | 06:56

އިންޓެލިޖެންސް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެކަށީގެންވާ ބަޖެޓެއް ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީ ބަލިކަށިވިގޮތުގެ އިންކުއަރީ ކުރިޔަށްގެންދިޔަ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމީޓިގެ ރިޕޯޓް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

ރިޕޯޓް ފާސްކޮށްފައިވަނީ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ. ރޭ ކުރިޔަށްދިޔަ މިދައުރުގެ ފަހު ޖަލްސާގައި މިރިޕޯޓް ހުށަހަޅުއްވާ ރިޕޯޓަށް މެމްބަރުން ވަނީ ބަހުސްކުރައްވާފައެވެ. އެގޮތުން ރިޕޯޓަށް ބަހުސްކުރެއްވުމަށް އެދިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ވަނީ ފުރުސަތު ދެއްވާފައެވެ. ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ފެށުނު ޖަލްސާ ނިމިފައިވަނީ ފަތިހު 3:55 ހާއިރުއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މަނީ ލޯންޑަރ އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު އިސްލާހު ކުރުމާއި، މަނީ ލޯންޑަރ ކުރަން ހުރި ގޮންޖެހުން ދެނެގަތުމަށް އެސެސްމެންޓް ހެދައި ފިޔަވަޅު އެޅުމާއި، އިންޓެލިޖެންސް މައުލޫމާތު ދިރާސާ ކުރުމަށް ބޭނުންވާ އެނަލެޓިކަލް ޓޫލްސް އަދި އޮޓޮމޭޓިވް މެޝިންތައް ހޯދުމަށް ބަޖެޓް ފޮރުކޮށްދިނުމަށްވަނީ ކަނޑައަޅާފައެވެ.

ރައީސް ނަޝީދަށް ތްރެޓް އޮތްހާ ދުވަހަކު އެމަނިކުފާނަށް ޑިފެންސް އިންޓެލިޖެންސް ސާރވިސް އިން ކަނޑައަޅާ ގޮތެއްގެ މަތިން ތްރެޓް ލެވެލާ އެއްވަރުގެ ސެކިއުރިޓީ ދިނުމާއި، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގައި ހުރިހާ ވަގުތެއްގައި ސިފައިން ހަތިޔާރައެކު ފޯރި މެރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކެމެރާއިން މޮނިޓަރ ކުރުމާއި އިވެކުއޭޝަން ޕްރޮސީޖަރ ކަނޑައަޅައި ކްލޯޒް ޕްރޮޓެކްޝަން ޓީމް އެގޮތަށް ތަމްރީނު ކުރުމާއި، ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތުގައި އެހީތެރިަކން ހޯދުމާއި، އެމަނިކުފާނު ބޭނުން ކުރައްވާ ކާރުކޮޅަކީ ސްޓޭންޑަރޑް ކާރުކޮޅެއްކަން ކަށަވަރުކުރުމާއި، ކްލޯޒް ޕްރޮޓެކްޝަން ޓީމްގައި އީއޯޑީ ތަމްރީނު ފުރިހަމަ ކޮށްފައިވާ މީހުން ހިމެނުމާއި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާއި، އަހަރަކު އެއް ފަހަރު ރިފްރެޝް ކުރުމުގެ ޕްރޮގްރާމް ހިންގުމަށްވަނީ ހިމަނާފައެވެ.

ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާ ކޮށް ކަންކަމުގައި ހައްލު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދު ހޯދުމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް އައްޔަން ކުރުންމާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހަރުދަނާ ކުރުމާއި، ކައުންޓަރ ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ކަންކަމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމާއި، އެކަންކަމަށް ހައްލު ހޯދުންވެސް ރިކޮމެންޑާންޝަންތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ގާނުނު އިސްލާހުކޮށް އަސްކަރިއްޔާގެ ހިންގުމަށް ޒަމާނީ ބަދަލު ގެނައުމާއި، އިދާރީ ހިންގުމަށްވެސް ބަދަލު ގެނައުމާއި، އިންޓެލިޖެންސް ދާއިރާއަށް ޒަމާނީ ތަރައްގީ ގެނެސް އެއްފަހަރާ ގިނަ މައުލޫމާތު ރައްކާ ކުރެވޭ ސިސްޓަމްތައް ގެނައުމާއި، އިންޓެލިޖެންސް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެކަށީގެންވާ ބަޖެޓެއް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

ދީނީ ހަރުކަށި ފިކުރު މީހުން ދެނެގަނެ ޑޭޓާ ބޭސްއެއް ގާއިމުކުރުމާއި، ހުރިހާ މުއައްސަަސާތަކެއް ހިމެނޭ ގޮތަށް ހަރުކަށި ފިކުރު މީހުން މޮނިޓަރކުރެވޭނެ ގޮތެއް ކަނޑައެޅުމާއި، ޓެރަރިޒަމްގެ އަމަލު ހިންގާނެ ކަމަށް ބެލެވޭ މީހުންނާއި، ހަރުކަށި ފިކުރުގެ މީހުން ރިހެބިލިޓޭޓް ކުރުމާއި، އެފަދަ މީހުން ރިހެބިލިޓޭޓް ކުރުމުގައި ވަކިވަކި މީހުންގެ ހާލަތަށް ބަލައި ރިހެބިލިޓޭޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމެވެ.

ހަރުކަށި ފިކުރު މީހުން ދެނެގަންނާނެ ގޮތާއި ރިޕޯޓް ކުރާނެ ގޮތް އާއްމުންނަށް އަންގައި ހޭލުންތެރި ކުރުމާއި، މީޑިއާ ތަކުން އެފަދަ މައުލޫމާތު ފެތުރުން ހުއްޓުވުމަށް މީޑިއާތަކަށް މައުލޫމާތު ދިނުމާއި، މީޑިއާތަކުގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ދެނެގަނެ ފިޔަވަޅު އެޅޭނެ ގޮތެއް ގާއިމްކުރުމާއި، ސަލާމަތީ ޚިދުމަތްތަކުގެ މަސައްކަތް ކުރާ މީހުންނަކީ ތައުލީމާ ތަޖުރިބާ ލިބިފައިވާ މީހުން ކަމަށް ވާންޖެހޭ ކަމަށް ބުނެފައިވެއެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން ހަރުކަށި ފިކުރު ފެތުރުމަށް ހިންގާ ކަންކަން ހުއްޓުވުމަަށް މަސައްކަތް ކުރުމާއި، ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަނީ ކިހިނެތްކަން ދެނެގަނެ އެ ދޮރުތައް ބަންދުކުރެވޭނެ ގޮތެއް ގާއިމުކުރުމާއި، ޖަލުތަކުގައި ހިންގާ ދީނީ ޕްރޮގްރާމް ތަކަކީ ހަރުކަށި ފިކުރު ފަތުރާ އިލްމުވެރިން ހިންގާ ޕްރޮގްރާމްތައް ނޫން ކަމުގައި ކަށަވަރުކުރަންޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް