މާލެ-ހުޅުލެ-ހުޅުމާލޭ ކަރަންޓު އެއްވިއުގައަކުން ގުޅާލައިފި

މާލެ-ހުޅުމާލެ-ހުޅުލޭ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ މިއަދު ހެނދުނު ކަރަންޓު ކަނޑާލަންޖެހުނީ މިމަސައްކަތުގައ...

09 Jul 2021 | 06:39

މާލެ-ހުޅުމާލެ-ހުޅުލޭ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މިއަދު ހެނދުނު ކަރަންޓު ކަނޑާލަންޖެހުނީ މިމަސައްކަތުގައި ސިނަމާލެ ބުރިޖުގެ މާލެއާ ވީކޮޅުން ކަނެކްޝަން ގުޅާލުމަށްކަމަށެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އަންނަނީ ބިޔަ މަޝްރޫއެއް ހިންގަމުންނެވެ. މިމަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލާނެއެވެ. އެއާއެކު މި 3 ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.

ސްޓެލްކޯއިން ބުނީ، މިމަޝްރޫޢުގެ ދަށުން 3 ސަރަޙައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކާއި ކަނެކްޝަންތައް ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. ހުކުރު ދުވަހުގެ ހެނދުނު 7:00އިން ފެށިގެން 9:00އާ ހަމައަށް މުޅި މާލެއިން ކަރަންޓު ކަނޑާލައި ކަނެކްޝަންގެ އެންމެ ފަހުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެއްވިއުގައަކުން ކަރަންޓު ގުޅާލުމުގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލޭގައިވަނީ 95 މެގަ ވޮޓްގެ ޓްރާންސްފޯމަރު ބަހައްޓާފައެވެ. އަދި ހުޅުލޭގައިވަނީ 8 މެގަ ވޮޓްގެ ޓްރާންސްފޯމަރެއް ބަހައްޓާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް