ޓެރަރިޒަމްގެ ދައުވާ އުފުލައި ފުލުހުންގެ ބަންދުގައި ބަހައްޓާފައިވާ އަދާލަތު ޕާޓީގެ ރައީސް ސައިހް އިމްރާނަށް ފުލުހުންގެ ނޫސަންދަ ކްލިނިކްގައި މިރޭ ފަރުވާ ދީފި އެވެ.
ފުލުހުންގެ ވެހިކަލްގައި އިމްރާން ނޫސަންދަ ކްލިނިކަށް ގެންގޮސްފައިވަނީ މިރޭ 7:30 ހާއިރު އެވެ. އަދި ކްލިނިކުން ގެންދިޔައީ 8:30 ހާއިރު އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޫސަންދަ ކްލިނިކަށް އިމްރާން ގެންދިޔައީ ޑޮކްޓަރަށް ދައްކާލަން ކަމަށެވެ.
އިމްރާން މިރޭ ނޫސަންދަ ކްލިނިކަށް ގެނެސްފައިވާއިރު މިދިޔަ މަހުގެ 30 ވަނަ ދުވަހުގެރޭ އިމްރާން ވަނީ އެމްއާރުއައި ސްކޭންއެއް ހައްދާފައެވެ. އެފަހަރު ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.
އަދާލަތު ޕާޓީގެ ފަރާތުން މީޑީއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިމްރާން ބުރަކަށީގައި ރިއްސާތީ އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ބުރަކަށީގެ އިތުރުން ހަކުރުގެ މައްސަލައާއި ޔޫރިކް އެސިޑު މައްޗަށް ދިއުން ފަދަ މައްސަލަތައް އިމްރާނަށް ކުރިމަތިވެފައިވާ ކަމަށެވެ.
މޭޑޭ މުޒާހަރާއަށް ފަހު އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އިމްރާން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް