ރިޔޫނިއަންގައި އަންނަ މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާއިރު ވަރަށް ރަނގަޅަށް ތައްޔާރުވެއްޖެ ކަމަށް ރާއްޖޭގެ އަންހެން އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދާއި ރާއްޖޭގެ އެއްވަނަ ފިރިހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް ބުނެފި އެވެ.
އޮލިމްޕިކް ކޮމިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މުއީނާ ބުނީ، މިހާރު އޭނާ ހުރީ ކެރިއަރުގެ އެންމެ މަތީ ހަރުފަތުގައި ކަމަށާއި އަމާޒަކީ ރަން މެޑަލެއް ހޯދުން ކަމަށެވެ.
"ކުރީ ފަހަރެކޭ އެއްގޮތަށް ރަން ވަނައަކަށް މި މަސައްކަތްކުރަނީ. އަބަދުވެސް ގޯލްޑަށް ޓާގެޓްކުރަނީ. މަސައްކަތްކުރާނީ ގޯލްޑަށް. އެ ހިސާބަށް ދެވޭނެ ކަމަށް އުއްމީދުކުރަނީ. ގަބޫލުކުރަން މިއީ އެންމެ ޕީކުގައި ހުރެގެން ކުޅެވޭ އެއް މުބާރާތް ކަމަށް," އޭނާ ބުންޏެވެ.
މުއީނާ ބުނީ ރޯދަމަސް ނިންމާފައި މެޗު އެކްސްޕީރިއަން ހޯދުމަށް ސްރީ ލަންކާ އަށް ދާނެ ކަމަށާއި އެ ދަތުރުން ވެސް، ގޭމްސްގެ ކުރިން ރަނގަޅު ތަޖުރިބާތަކެއް ލިބި ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ރާއްޖޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ މޫސާ މުންސިފް ބުނީ މިއީ ކެރިއަރުގައި ވެސް އެންމެ ބޮޑަށް ތައްޔާރުވި އެއް ގޭމްސް ކަމަށާއި ސަރުކާރާއި އޮލިމްޕިކް ކޮމިޓީން ކަނޑައަޅާފައިވާ ޓާގެޓްތަކަށް ވާސިލްވުމަށް ތައްޔާރު ކަމަށެވެ.
"ފިރިހެން ޓީމު ތަމްރީންތައް ހެދީ މާލޭގައި. ޗެލެންޖަސްތަކާ ކުރިމަތި ވެސް ވި ޓްރެއިނިން ފެސިލިޓީސްގެ މައްސަލަތަކާ އެކު ވެސް. އެކަމަކު ފެންވަރު ރަނގަޅު ކޯޗުންގެ ތަމްރީންތައް ވެސް ކުރު މުއްދަތަކަށް ވެސް ލިބުނީ،" އޭނާ ބުންޏެވެ.
މުންސިފް ބުނީ މި ފަހަރުގެ ގޭމްސް އަކީ ހުރިހާ ކުޅިވަރަކުން ވެސް ކާމިޔާބު ހޯދަންދާ މުބާރާތެއް ކަމަށާއި، ސަރުކާރާއި އޮލިމްޕިކް ކޮމިޓީން ޓާގެޓްތަކެއް ކަނޑައަޅާފައިވުމަކީ ކާމިޔާބީ ހޯދަން އޮތް ފަސޭހައެއް ކަމަށެވެ.
ސީޝެލްސްގައި 2011 ވަނަ އަހަރު ބޭއްވި ގޭމްސްގައި ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު އަންހެން ސިންގަލްސް އިވެންޓުން ރިހި މެޑަލް ހޯދިއިރު ފާތިމަތު ޖުމާނާ ވަނީ ލޯ މެޑަލްއެއް ހޯދައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް