މީހެއްގެ އަތުން ހަތް ލައްކަ ރުފިޔާ ފޭރުނު މައްސަލައިގާ ހުޅުމާލޭ ކޯޓު އޮފިޝަރަކު ހައްޔަރުކޮށްފި

އަމީރުއަޙްމަދުމަގުން ސައިކަލެއްގައި ދިޔަ މީހެއްގެ އަތުން 700000 ދިވެހި ރުފިޔާ ފޭރުނު މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ. ދުވަހަށް ކަށަވަރުވެފައިވާ ގޮތުގައި މި މައްސަލައިގާ ހައްޔަރު ...

09 Jul 2015 | 09:47

އަމީރުއަޙްމަދުމަގުން ސައިކަލެއްގައި ދިޔަ މީހެއްގެ އަތުން 700000 ދިވެހި ރުފިޔާ ފޭރުނު މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ދުވަހަށް ކަށަވަރުވެފައިވާ ގޮތުގައި މި މައްސަލައިގާ ހައްޔަރު ކުރި އިތުރު މީހާއަކީ ހުޅުމާލޭ ކޯޓުގައި ކޯޓު އޮފިޝަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ހދ ހަނިމާދޫ، ހަތިފުށި، އަހުމަދު އިބްރާހިމް އެވެ.

ފުލުހުން ބުނީ މޭ ހަތަރުވަނަ ދުވަހުގެ ވަގުތެއްގައި އަމީރުއަޙްމަދުމަގު ނަސަންދުރާ ފުރަގަހުގައި ހިނގި ފޭރުމުގެ މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން 2015 ޖޫން 05 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރުކޮށްފައިވެއެވެ. އޭނާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާގެ ބަންދަށް އެންމެފަހުން ކޯޓުން ދީފައިވާ 10 ދުވަހުގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އެ ދުވަހު ފޭރިފައިވަނީ ކުންފުންޏެއްގެ މުވައްޒަފަކު އެ ކުންފުނީގެ ބޭންކް އެކައުންޓުން ނެގި ފައިސާ ހިފައިގެން ސައިކަލުގައި ދަނިކޮށް ސައިކަލެއްގައި ދިޔަ ދެމީހަކު ވެގެންނެވެ.

ފޭރުމުގެ މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް