ޒިޔަދަމްގެ މަރުގެ މައްސަލައިގާ މިއަދު ބާއްވަން ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފި

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ލ.މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެމީހުންގެ ޝަރީއަތު މިއަދު ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ. ޒިޔަދަމް މަރުވީ މިދިޔަ މާރިޗްމަހގ...

09 Jul 2015 | 08:33

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ލ.މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެމީހުންގެ ޝަރީއަތު މިއަދު ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.

ޒިޔަދަމް މަރުވީ މިދިޔަ މާރިޗްމަހގެ 21 ވަނަ ދުވަހުގެރޭ 10:30 ހާއިރު ވަޅިއަކުން ހަމަލާދިނުމުގެ ސަބަބުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ޝަރީއަތް ކެންސަލްކުރީ އެމައްސަލާގައި ދައުވާލިބޭ ދެމީހުން ވެސް ވަކީލުން ހަމަޖެއްސިކަމުގެ ލިޔުން ކޯޓަށް ހުށަހެޅީ މިއަދު ކަމަށްވާތީ އެވެ. އަދި ވަކީލުންނަށް އެ މައްސަލައަށް ތައްޔާރުވުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އުމުރުން 29 އަހަރުގެ ޒިޔަދަމް މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން،24 އާއި ހަމައެރަށު ބީޗުވިލާ އަލީ ސިފާމް،29 ގެ މައްޗަށެވެ. އޭގެތެރެއިން މުހައްމަދު ޝަނޫނު، ވަކީލަކު ހަމަޖައްސާފައިވީނަމަވެސް ދައުވާ ލިބޭ އަލީ ސިފާމަށް އަދި ވަކީލަކު ހަމައެއް ނުޖެހެ އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާއްވާފައިވާއިރު އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ބުނެފައި ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް އަށްއިންޗިހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އަދި އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށެވެ.

ޒިޔަދަމްގެ މަރާގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. މަރުގެ ދައުވާގެ އިތުރުން ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައި ވެ އެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ މުންޑޫ ހެލްތް ޕޯސްޓް ކައިރިން އެރަށު މުހައްމަދު ނިޒާރަށް ބިރުދައްކާފައިވާތީ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ މާރާމާރީ ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މަރުވެފައިވާ ޒިޔަދަމްގެ ހަށިގަނޑު ހެލްތް ޕޯސްޓަށް ގެންދިޔުމަށް އެ ރަށު އަބްދުﷲ ޝިފާއު އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުއްޓައި ޝަނޫން އޭނާ އަށް ހަމަލާދީފައިވާތީ ކަމަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުހުމުގައި އެ ދެ މީހުން ވެސް ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެ އެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް