ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި ބީޖީ ސްޕޯޓްސް އަތުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.
މައިލޯ ޓާފް ދަނޑުގައި އިއްޔެ ހަވީރު ބީޖީއާ ދެކޮޅަށް ކުޅުނު މެޗުން ސޮކާ ވެޓެރަންސް މޮޅުވީ 5-2 ލަނޑުންނެވެ.
އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ބީޖީއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ނާސިހު އެވެ. ސޮކާ ވެޓްރަންސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޒިޔާދު މުހައްމަދު އެވެ.
ދެވަނަ ހާފްގައި އިސްމާއިލް މުހައްމަދު ސޮކާ ވެޓެރަންސްއަށް ލީޑު ނަގައިދިން ނަމަވެސް ބީޖީއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރަމީޒް އެވެ.
ސޮކަ ވެޓްރަންސްއިން ކާމިޔާބުކުރި ފަހު ތިން ލަނޑު ޖަހައިދިނީ އިބްރާހިމް ހަލީމް (ޖަޑާ) އާއި އިސްމާއިލް އަދި އަލީ ޝަމީމް (އައްޔަ) އެވެ.
މިމޮޅާއެކު ސޮކަ ވެޓްރަންސް އެއްވަނައިގައި އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު އެވެ. ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ދެ ވަނައިގައި ވެލެންސިއާ އޮތްއިރު، ތިން ވަނައިގައި އޮތް ބީޖީއަށް ވެސް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ބީޖީއަށްވުރެ ކުރީގައި ވެލެންސިއާ އޮތީ ގޯލްގެ ތަފާތުންނެވެ. މިހާރު މި ތިން ޓީމަށް ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުވެފަ އެވެ.
ކޮންމެ ރޯދަމަހަކު ބާއްވާ މި މުބާރާތަކީ ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ލީގުގެ އެއް ވަނަ ޓީމާއި ހަތަރު ވަނަ ޓީމެވެ. ދެ ވަނަ ސެމީގައި ލީގުގެ ދެ ވަނަ ޓީމު ނުކުންނާނީ ލީގު ތިން ވަނަ ޓީމާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް