ވެލެންސިއާ އަތުން މޮޅުވެ، ނިއުއިން އެއްވަނައިގައި ހަމަޖެހިލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ވެެލެންސިއާ އަތުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ވެލެންސިއ...

09 Jul 2015 | 02:16

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ވެެލެންސިއާ އަތުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވެފައިވަނީ 3-1 ލަނޑުންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް ނިއުއިންނެވެ. މެޗުގެ ހަތްވަނަ މިނެޓްގައި ނިއުއަށް މިލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވަޑް އަލަމޫ ބުކޮލޯ އޮލެލަކަން އެވެ. މިއީ ނިއުއާ ގުޅުނު ފަހުން އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފްގައި ނިއުއަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން މެޗުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި އަލަމޫއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ވެލެންސިއާއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ވެލެންސިއާއަށް ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބަލްގޭރިއާ ފޯވަޑް މިރްޝޭވް ލަޑިސްލާވް މިޓްކޯވް އެވެ. ވެލެންސިއާއަށް މިޕެނަލްޓީ ލިބުނީ ނިއުގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ރިލްވާން ވަހީދު (ރިލޭ) ބޯޅައިގައި އަތްލުމުންނެވެ.

ނިއުއިން އަލުން ލީޑު ހޯދީ މެޗުގެ 61 ވަނަ މިނެޓްގައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ރީތި ބޯޅައަކުން މި ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ އޮއްޕޮ އެވެ. ނިއުގެ ތިންވަނަ ލަނޑު ދެވަނަ ހާފްގެ އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ ހަމްޕު އެވެ.

މި މޮޅާއެކު ނިއު އެއްވަނައިގައި އޮތީ 13 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި 9 ޕޮއިންޓާއެކީ އީގަލްސް އޮތްއިރު، ތިންވަނައިގައި އޮތް މާޒިޔާއަށް ވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ތިން ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައެވެ.

ލީގުގެ މެޗެއް ދެން ކުޅޭނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. އެރޭ 10:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް