އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ނަރެންދުރަ މޯދީ ކުރައްވައިފިއެވެ.
ތިން ވަނަ ދައުރަކަށް މޯދީ ހުވާކުރެއްވީ އެ ގައުމުގެ ރިޔާސީ ގަނޑުވަރުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައެވެ.
ހުވާ ކުރައްވައި ކެބިނެޓުވެސް އެކުލަވާލާފައިވާއިރު މިފަހަރު އެކުލަވާލާފައިވަނީ ކޯލީޝަން ސަރުކާރެކެވެ. ކޯލީޝަން ސަރުކާރެއް އެކުލަވާލަން ޖެހުނީ ގާނޫނު ހަދާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބީޖޭޕީއަށް ލިބިފައިނުވާތީއެވެ. އަދި ބޮޑުވަޒީރުކަން ލިބޭ މިންވަރަށް ދާއިރާތައް ހަމަވަނީ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއާއި ގުޅިފައިވާ ޕާޓީތަކާއެކު އެކުލަވާލި ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސްގެ މެންބަރު ޕާޓީތަކުގެ ގޮނޑިތަކާއި އެކުގައި ކަމަށްވާތީއެވެ. އެހެންކަމުން ކެބިނެޓް އެކުލަވާލާފައިވަނީ އެ އެލަޔަންސްގެ ޕާޓީތައް ހިމެނިގެންދާގޮތަށެވެ.
އެގޮތުން އެ ކޯލީޝަންގެ ޕާޓީތަކުގެ ތެރެއިން ބީޖޭޕީ ފިޔަވައި ދެން އެންމެ ގިނަ ގޮނޑި ލިބުނު ތެލްގޫ ދެސަމް ޕާޓީ (ޓީޑީޕީ) އަށް ކެބިނެޓްގެ ހަތަރު މަގާމެއް ދީފައިވެއެވެ. އަދި އެ ކޯލީޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީ ޖަނަތާ ދަލް އަށްވެސް ކެބިނެޓުން ދެ މަގާމެއް ދީފައިވެއެވެ. އިތުރު ޕާޓީތަކަށް ސަރުކާރުގެ އެކިއެކި މަގާމުތައް ދީފައިވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިހާރު ކުރިއަށްދާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި 72 މިނިސްޓަރަކު ހުވާ ކުރައްވާނެއެވެ. އޭގެ ތެރެއިން 39 މިނިސްޓަރުންނަކީ މޯދީގެ ދެވަނަ ދައުރުގައިވެސް މިނިސްޓަރުންގެ ގޮތުގައި ތިބި ފަރާތްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް